ދެހާހުގެ އަހަރުތަކުގެ ކުރީކޮޅެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޕައިލެޓް ލައިސަންސް ހޯދި އަހްމަދު ތިހާމް، އެންމެން ދަންނަ ނަމުން ނަމަ (ޕެއްޕެ) އާއި އޭނާގެ ކޮއްކޮ ހުސައިން އިޝާމް ރާއްޖޭގެ އޭވިއޭޝަންގެ ތާރީޚުން ޖާގަ ހޯދީ ފުރަތަމަ ފަހަރަށް އެކުގައި ސީ ޕްލޭނެއް އުދުއްސި ދެބެންގެ ގޮތުގަ އެވެ. އެއީ އެ އާއިލާގެ އޭވިއޭޝަން ތާރީޚުގެ ފެށުމެވެ.

ކުޑަ ކުޑަ ރަޔާން ތިހާމް އަށް އޭރު އުމުރުން އެންމެ ފަސް އަހަރެވެ. މަތިންދާ ބޯޓެއްގެ އަޑު އިވިއްޖެނަމަ ބޭރަށް ނުކުމެ އެ ބޯޓު ލޮލު ކޮޅަށް އޮބާލަން ދެން ބަލަން ހުރުމަކީ އޭރު ވެސް ރަޔާންގެ އާދައެކެވެ. ބައްޕައާއެކު ކޮކްޕިޓްގައި އިނދެ ކުރާ ދަތުރުތަކުގައި ކުޑަދޮރުން ބޭރުން ފެންނަ ވިލާތަކުގައި އަތްލާން ބޭނުންވި ބޭނުންވުމަކީ މިއަދު ވެސް އޭނާގެ ހަނދާނުގައި ހުރި ހަނދާންތަކެކެވެ.

ޕެއްޕެ އާއި ރަޔާން: 2002 ވަނަ އަހަރުގެ މަންޑޭ ޓައިމްސްގެ ކަވަރު ގައި

"ވަރަށް ހަނދާން ހުރޭ ބައްޕަ އާއެކު ކުރެވުނު ދަތުރުތައް. ބައިވަރު ހަނދާންތައް އެބަހުރި" ރަޔާން ބުންޏެވެ.

އެ ދުވަހުން ފެށިގެން ބައްޕައާއި ބޮޑުބޭބެގެ މަސައްކަތަށް ރަޔާންގެ ހިތް ޖެހުނެވެ. ބޮޑުވެގެން ވާން ބޭނުންވަނީ ކާކަށްތޯ ކުރާ ސުވާލަށް ދާއިމީ ޖަވާބެއް އޭނާ ހޯދި އެވެ. ބައްޕަ ފަދައިން ޕައިލެޓަކަށް ވުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމުގައިވި އެވެ.

ޕެއްޕެ، ރަޔާން އުރާލައިގެން

އޭގެ ވިހި އަހަރު ފަހުން މިއަދު ރަޔާންއަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީނިއާ ޕައިލެޓެކެވެ. އަތްވާއި ވާރޭގައި، ހޫނާއި ފިނީގައި ސީ ޕްލޭންތަކުގައި އުދުހުމަކީ މިއަދު އޭނާގެ ދިރިއުޅުމެވެ. އެންމެ ތުއްތު އިރުއްސުގެ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހި ހަގީގަތަކަށް ވެއްޖެ އެވެ.

ސީޕްލޭން ޕައިލެޓެއްގެ ގޮތުގައި ހޭދަވާ ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެއް ކަމަށް ރަޔާން ބުންޏެވެ. ކަނޑުގެ އޮއިވަރާއި ވައިގެ ފިނިހޫނުމިނަކީ ދެ ދުވަހު އެއްގޮތަކަށް އޮންނާނެ ކަމެއް ނޫން ކަމަށްވާތީ ކޮންމެ ދުވަހަކު ވެސް އޭނާ މަސައްކަތަށް ނުކުންނަނީ އާ ތަޖުރިބާތަކަކާ ކުރިމަތިލުމަށެވެ. ފަތިހު ހޭލަނީ އެ ތަޖުރިބާތައް ކުރުމަށް ހިތް އެދިގެންނެވެ.

ޓީއެމްއޭގައި ވަޒީފާ އަދާކުރާތާ ތިން އަހަރުވެފައިވާ ރަޔާންއަށް މިދިޔަ އާދީއްތަ ދުވަހަކީ ހާއްސަ ދުވަހެކެވެ. ހަނދާނުގައި އަބަދަށް ދެމިހުންނާނެ ދުވަހެކެވެ. ޓީއެމްއޭގެ އާއްމު އުސޫލުތަކާ ޚިލާފަށް އެ ދުވަހުގެ ދަތުރު އޭނާކުރީ ބައްޕައިންގެ ދުވަހުގެ މުނާސަބަތުގަ އެވެ.

މިހާތަނަށް ނަމޫނާއެއްގެ ގޮތުގައި ބަލަމުން އައި ބައްޕައާއެކު ޕައިލެޓެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ކޮކްޕިޓް ހިއްސާކުރަން ލިބުނީ އެ ދުވަހު އެވެ. އުމުރު ދުވަހު ބައްޕަގެ ފަރާތުން ލިބުނު އަގުހުރި ފިލާވަޅުތަކާއި މަޝްވަރާތައް އަމަލީ މައިދާނުގައި ބައްޕައަށް ދައްކާލަން އޭނާއަށް ފުރުސަތު ލިބުނީ އެދުވަހު އެވެ.

ޕެއްޕެ އާއި ރަޔާން: ފްލައިޓްގެ ކޮކްޕިޓުގެ ތެރޭގައި

ހުޅުލެއިން ފުރައިގެން އަރިއަތޮޅަށް ކުރި އެ ދަތުރުގައި ދެބަފައިން ވެސް ކުރީ ތަފާތު ތަޖުރިބާ އެކެވެ. ތަފާތު އިހްސާސްތަކެކެވެ. ބައްޕައެއްގެ ގޮތުގައި އެ ހިނދު ޕެއްޕެގެ ހިތުގައި އޮތީ ދަރިފުޅާ މެދު އޮތް ފަޚްރުވެރި ކަމެވެ. ހަމަ އެގޮތަށް ރަޔާންގެ ހިތުގައި ވެސް ވީ އެ ބައްޕައަށްޓަކައި އޮތް ޝުކުރުވެރި ކަމެވެ.

މި ފްލައިޓާއެކު އޭވިއޭޝަން ދާއިރާގައި އެކުގައި މަސައްކަތްކުރި ފުރަތަމަ ދެބަފައިންގެ މަގާމު އެ ދެބަފައިންނަށް ލިބުނީ އެވެ. މީގެ 20 އަހަރު ކުރިން ފުރަތަމަ ފަހަރަށް ދެބެން އެކުގައި މަސައްކަތް ކޮށްގެން ޕެއްޕެ ހޯދި ޝަރަފަށް އިތުރު ބޮޅެއް އެއްވީ އެވެ.

"އެއީ ވަރަށް ބޮޑު އިއްތިފާގެއް. އެދުވަހު އަޅުގަނޑުމެން ފާހަގަވީ ދެބެންގެ ގޮތުގައި. މިއަދު ހަމަ އަޅުގަނޑަށް މި ލިބުނީ ރަޔާން އާއެކު ދެބަފައިން ފުރަތަމަ ކުރި ދަތުރުގެ ޝަރަފު ވެސް،" ޕެއްޕެ ބުންޏެވެ.

ޕެއްޕެ އާއި ރަޔާން: ދެބަފައިން އެކުގައި އުދުހުން ފްލައިޓް ހިންގުމަށް ޓީއެމްއޭ އަށް ހާއްސަ ޝުކުރެއް ހައްގު ކަމަށް ބުނޭ

އޭވިއޭޝަން ދާއިރާއިން ކުރިއަށް ދިއުމުގައި ރަޔާން އަށް އޭނާގެ ބައްޕަގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ތަކުރާރުކޮށް ފާހަގަ ކުރި އެވެ.

ބައްޕަގެ ގިނަ އަހަރުތަކެއްގެ ތަޖުރިބާ އާއި އެ ތަޖުރިބާ ތަކުން ރަޔާންއަށް ދިން ފިލާވަޅުތަކަކީ މިއަދު އޭނާ ހުރި ހިސާބުގައި ހުރެވުނު ސަބަބުކަމުގައި ރަޔާން ދެކެ އެވެ.

އޭނާ ބުނި ގޮތުގައި ބައްޕަގެ ފިޔަވަޅު މަތިން ހިނގުމަކީ މި ދާއިރާގައި އޭނާއަށް ލިބޭ ކާމިޔާބުތަކުގެ އަސްލެވެ.

ޝައްކެއް ވެސް ނެތެވެ. ދަރިއަކަށް ބައްޕަ އެއްގެ ފަރާތުން ލިބޭ ފިލާވަޅުތަކަކީ އަގު ނުކުރެވޭނެ ފިލާވަޅު ތަކެކެވެ. ބައްޕަގެ ފަރާތުން އަޑުއިވޭ ހިތްވަރުގެ ދެ ލަފްޒަކީ ވެސް އެ ދަރިފުޅަށް ލިބޭނެ އެފަދަ ދެވަނައެއް ނުވާނެ ހިތްވަރެކެވެ. ރަޔާންއަށް ލިބުނު ކާމިޔާބީތަކުގެ އަސްލު ހައްގުވެރިއަކީ އޭނާގެ ބައްޕަކަމުގައި ރަޔާން ގަބޫލު ކުރަނީ އެހެންވެ އެވެ.

ދެން އޮތީ ދެބަފައިންގެގެ ވަޒީފާގެ މާހައުލެވެ. ޓީއެމްއޭގެ މަސައްކަތުގެ މާހައުލާ ބެހޭ ގޮތުން ދެބަފައިންގެ ވެސް ހުރީ އެއްކަހަލަ ޝުއޫރު ތަކެކެވެ.

ޕެއްޕެ އާއި ރަޔާން

އެ ކުންފުންޏަކީ ވަޒީފާ އަދާކުރަން ފަސޭހަ ކުންފުންޏެއް ކަމުގައި ފާހަގަ ކުރަމުން ޕެއްޕެ ބުނީ އެ ކުންފުނީގެ މަސައްކަތުގެ ސަގާފަތަކީ ތަފާތު ސަގާފަތެއް ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު އެއާލައިނެއްގައި ތަފާތު އެއާކްރާފްޓްތައް އުދުހުވުމުގައި އެތައް އަހަރެއް ވަންދެން އުޅުނު ނަމަވެސް ޓީއެމްއޭ އާއި ކަނޑަށް ޖައްސާ އެއާކްރާފްޓްތަކަށް ޕެއްޕެގެ ހިތުގައި އޮތީ ހާއްސަ މަގާމެއް ދެވިފަ އެވެ.

"ޓީއެމްއޭގެ ކަލްޗާ ވަރަށް ތަފާތު. ވަރަށް އެކުވެރިކޮށް އެންމެން ވެސް އުޅެނީ،" ޕެއްޕެ ބުންޏެވެ.

ޓީއެމްއޭގައި ހޭދަވާ ކޮންމެ ދުވަހަކީ ތަފާތު ދުވަހެއްގެ ގޮތުގައި ސިފަކުރި ރަޔާން އަދި ހުރީ އެ ކުންފުނި ދޫކޮށް ދާ ޚިޔާލެއްގަ އެއް ނޫނެވެ. ފުރުސަތު ތަނަވަސް ނުވާތީއެއް ނޫނެވެ. ނަމަވެސް ޓީއެމްއޭގެ މަސައްކަތުގެ މާހައުލަކީ މިވަގުތަށް އޭނާ ހިތްހަމަ ޖެހޭ މާހައުލަކަށް ވާތީ އެވެ.

ޕެއްޕެ އާއި ރަޔާން

އޭވިއޭޝަން ދާއިރާއަށް ނުކުންނަން ބޭނުންވާ މީހުންނަށް ރަޔާންގެ އޮތީ އެންމެ މެސެޖެކެވެ. ޕައިލެޓް ކަމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ހުވަފެން ތަކުގައި ކުލަ ޖެއްސުމަށް ވަކި އުމުރެއް ނެތްކަން އޭނާ ފާހަގަ ކުރި އެވެ. ހިތްވަރާއެކު ކުރިއަށް ގޮސްފި ނަމަ މި ދާއިރާއިން ކޮންމެ މީހަކަށް ވެސް ކުރިއަށް ދެވޭނެކަން އޭނާ ބުނެދިނީ ބައްޕައާއި ޚުދު އޭނާގެ ދިރިއުޅުމަށް މިސާލު ޖަހަމުންނެވެ.

"ކޮންމެ މީހަކަށް ވެސް ކުރެވިދާނެ. ޕައިލެޓަކަށް ވާން މަސައްކަތް ކުރަން ދުވަހަކުވެސް ލަހެއް ނުވާނެ،" ރަޔާން ބުންޏެވެ.

ތިހާމް އާއިލާގެ އޭވިއޭޝަން ތާރީޚް ރަޔާން އާ ހިސާބުން ނިމުނީ އޭ ދެންނެވޭކަށް ނެތެވެ. ރަޔާންގެ ހަނގަށް ހުރި ކޮއްކޮ މިހާރު އަންނީ އެމެރިކާގައި އޭނާގެ ޕައިލެޓް ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ. އެހެން ކަމުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި އެ އާއިލާއަށް އަދިވެސް އޮތީ ފަހިކަމެވެ.

ޕެއްޕެ އާއި ރަޔާންއަށް އެދެނީ އިތުރު ކާމިޔާބީ އަށެވެ. ދެބަފައިން އެކުގައި ދިވެހި އުޑުތަކުގައި އުދުހުން ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ އުއްމީދެވެ. ދިވެހި އޭވިއޭޝަންގައި އެ އާއިލާއަށް އެދެނީ އަބަދަށްފެހި މާދަމާ އެކެވެ. ބާއްޖަވެރި ދަތުރަކަށެވެ.