އަބޫދާބީ (27 ޖޫން) - ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ކޮވިޑް -19 ޖެހިފައި ހުރިތޯ ޓެސްޓްކުރަން އީޑީއީ ޓެކްނޮލޮޖީ ބޭނުންކުރަން އެ ގައުމުގެ ޑިޕާޓްމްންޓް އޮފް ހެލްތުން ހުއްދަ ދީފި އެވެ.

އަބޫދާބީގެ ބޮޑު ޝޮޕިން މޯލްތަކާއި މަދަނީ އިމާރާތްތަކުގައި މި ޓެކްނޮލޮޖީ ބޭނުންކުރަން ނިންމާފައި ވަނީ އެ އަވަށުގެ އެކި ސަރަހައްދުތަކުގައި މި ޓެކްނޮލޮޖީ ޓެސްޓުކުރުމަށް ކުރިޔަށް ދިޔަ ޓްރަޔަލްތަކަކަށް ފަހު އެވެ.

މި ޓްރަޔަލްތަކުގައި 200،000 އަށްވުރެ ގިނަ މީހުން މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓް ކޮށްފައިވާއިރު، 90 ޕަސެންޓް ނަތީޖާތަކަކީ ރަނގަޅު ނަތީޖާތަކެއް ކަމަށް އިދާރާތަކުން ބުނެ އެވެ.

އީޑީއީ ސްކޭނިންގް ސިސްޓަމުން ކޮވިޑް ޖެހިފައިވާ ކަމަށް ޝައްކުކޮށްފި ނަމަ އެ މީހަކު އެ ސަރަހައްދަކަށްް ވަނުން މަނާކޮށް 24 ގަޑިއިރު ތެރޭގައި ޕީސީއާރު ޓެސްޓު ހެދުން ލާޒިމްކުރެ އެވެ.

އީޑީއީ ސްކޭނިންގް ސިސްޓަމްއަކީ އިންސާނާގެ ހަށިގަނޑުގައިވާ އިލެކްޓްރޯ މެގްނެޓިކް ވޭވްސްތަކަށް ބަލައިގެން ކޮވިޑަށް ޓެސްޓްކުރާ ޓެކްނޮލޮޖީއެކެވެ. މި ވޭވްސްތަކަކީ ކޮވިޑް ޖެހިފައިވާ ނަމަ ބަދަލުތައް އަންނާނެ ވޭވްސްތަކެކެވެ.

އީޑީއީ ސްކޭނިން ސިސްޓަމްއަކީ އަބޫދާބީގެ އީޑީއީ ރިސާޗް އިންސްޓިޓިއުޓުން އީޖާދުކުރި ޓެކްނޮލޮޖީ އެކެވެ. -- ޚަލީޖާ ޓައިމްސް