ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ އިސްވެރިންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ "ދިޔަރެސް" ނޫހަށް ފިޔަވަޅު އަޅަން ސަރުކާރަށް އިންޑިއާ ހައިކޮމިޝަނުން އަންގައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ އިންޑިއާ ހައިކޮމިޝަނާއި، ހައިކޮމިޝަނުގެ އިސްވެރިންނާއި މުވައްޒަފުންގެ އަބުރާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ރާއްޖޭގެ ނޫސްތަކުގައި އާއި، ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

މިކަމަކީ ރޭވިގެން ބަޔަކު އަޑީގައި ތިބެގެންދޭ "ހަމަލާ" އަކީ އިންޑިއާ ސަރުކާރާއި، ރައްޔިތުންނާއި ދެމެދު ދިވެހިންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި މިފަދަ "ހަމަލާ" ތަކުގެ ސަބަބުން އިންޑިއާ ހައިކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށާއި އަދި ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށް ބުރޫއަރާނެ ކަމަށް ވެސް އެސިޓީގައި ބުނެފައިވެ އެވެ.

އިންޑިއާ ހައިކޮމިޝަނުން ފޮނުއްވި ސިޓީގައި ވަނީ އިންޑިއާ ހައިކޮމިޝަނާއި، ޑިޕްލޮމެޓުން އުޅޭ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަކޮށް އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދިފަ އެވެ. އަދި އިންޑިއާއާ ދެކޮޅަށް ހަބަރު ލިޔާ ނޫސްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން އެ ސިޓީގައި އިންޑިއާ ހައިކޮމިޝަނުން ވަނީ ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ކޮންވެންޝަންގެ ދަށުން ޑިޕްލޮމެޓުންނަށް ލިބިދޭ އިނާޔަތްތައް ސަރުކާރަށް ހަނދާންކޮށްދީފަ އެވެ. އެހެން ނަމަވެސް ވިއެނާ ކޮންވެންޝަނަކުން، ޑިޕްލޮމެޓުންނަށް ފާޑުކިޔުން މަނަލެއް ނުކުރެ އެވެ.

މިއީ ރާއްޖޭގެ މީޑިއާއަކަށް ފިޔަވަޅު އަޅައިދިނުމަށް ބޭރުގެ ހައކޮމިޝަނަކުން އެދުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ. އިންޑިއާ ހައިކޮމިޝަނުން މިގޮތަށް އެދުނީ ޑެޕިއުޓީ ހައިކޮމިޝަނާ ބެހޭ ގޮތުން "ދިޔަރެސް" ނޫހުގައި ޖެހި އާޓިކަލުގެ ރިޕޯޓަކާއި ގުޅިގެންނެވެ.