އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ މުއައްސަސާތަކަށް 532 ގާނޫނީ ލަފާދީފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުގެ ތަފާސްހިސާބުތަކުން އެގޭ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުން 520 މައްސަލައެއްގައި ލަފާ ހޯދަން ވަނީ ހުށަހަޅާފަ އެވެ. އެކަމަކު މި މުއްދަތުގެ ތެރޭގައި އެ އޮފީހުން ވަނީ 532 މައްސަލައެއްގައި ލަފާ ދީފަ އެވެ.

ވަކިވަކި މައްސަލަތަކަށް ބަލާއިރު އެންމެ ގިނަ ލަފާ ދީފައިވަނީ އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭ ގޮތުންނެވެ. އެގޮތުން އެކަމާ ގުޅުންހުރި 154 ލަފައެއް ދީފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ލަފާ ދީފައިވަނީ ގަވައިދުތަކާ ގުޅޭގޮތުންނެވެ. މިބާވާތުގެ 107 ލަފައެއް ދީފައިވެ އެވެ.

މީގެ އިތިރުން އެކިއެކި އުސޫލުތަކާ ގުޅޭގޮތުން 18 ލަފާ، ބިލް ތަސްދީގު ކުރުމާ ގުޅޭގޮތުން 12 ލަފާ އަދި އެކިއެކި މުއާހަދާތަކާ ގުޅޭގޮތުން ދެ ލަފައެއް މިމުއްދަތުގެ ތެރޭގައި ދީފައިވެ އެވެ. އަދި ވަކިން ގިންތި ނުކޮށް ހުރި މައްސަލަތަކުގެ ގޮތުގައި 239 ލަފާ ވެސް އެކި ކަންކަމުގައި ދީފައިވެ އެވެ.

މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ 200 ބިލްގެ ތެރެއިން މުހިއްމު ގިނަ ބިލްތަކެއް ވެސް އޭޖީ އޮފީހުން މިހާރު ވަނީ ޑްރާފްޓްކޮށް ނިންމާފަ އެވެ.