މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލު ސިފައިންގެ ވަޒަންތަކުގެ ޝިކާރައަކަށްވެ، އާލިއާ އަލް-ހައްލާހުގެ ނުވަ އަހަރުގެ ދަރިފުޅު މުހައްމަދު މަރުވި ނަމަވެސް، އެ އާއިލާގައި އަދިވެސް ފަސް ކުދިން ތިބި ކަމަށް އޭނާ ގަބޫލުކުރެއެވެ.
"އެ ކުއްޖާ ވަކިވެގެންދިޔަކަން އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ. ގޭގެ ގޯތިތެރޭގައި އިށީނދެގެން އިނދެ، ތިރީގައިވާ މުހައްމަދުގެ މަހާނައަށް ބަލަހައްޓައިގެން އަހަރެން ރޮން. އެކަމަކު އެހެން ކުދިންނަށް ފެނިދާނެތީ އެކަން ސިއްރުކުރަން،" އޭނާ އޭއެފްޕީއަށް ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި މުހައްމަދު މަރުވީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އަލް-ރިހިއްޔާ އަވަށުގައި ފޯރިމަރަމުންދިޔަ ސިފައިންގެ ކިބައިން ސަލާމަތްވާން ދުވަނިކޮށެވެ.
މުހައްމަދުގެ ބޮޑުބޭބެ ބުނި ގޮތުގައި އޭނާގެ ކޮއްކޮގެ ދަރިފުޅު މަރުވީ ސިފައިންނާއި ޒުވާނުންގެ ގުރޫޕަކާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ތެރޭގައި އަމާޒުއޮޅިގެން އައި ވަޒަނަކުންނެވެ. އެމްބިއުލާންސް ހިދުމަތްތަކުން ބުނާ ގޮތުގައި ވަޒަން އެރީ މުހައްމަދުގެ ބަނޑަށެވެ.
އިޒްރޭލު ސިފައިން ބުނެފައިވަނީ އަލް-ރިހިއްޔާގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ސިފައިން ބަޑިޖެހީ ހިލަ އުކަމުންދިޔަ ބަޔަކަށް އަމާޒުކޮށް ކަމަށެވެ.
ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މެރުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީޓްސެލެމްއިން ބުނާ ގޮތުގައި، 7 އޮކްޓޯބަރު 2023 އިން ފެށިގެން ޖޫން 2026 އާ ހަމައަށް އިޒްރޭލު ސިފައިން ވަނީ ހުޅަނގު އައްސޭރީގައި 235 ކުޑަކުދިން މަރާލާފަ އެވެ. ފަލަސްތީނުގެ ސަރުކާރުގެ އިދާރާއަކުން ރިޕޯޓްކުރާ ގޮތުގައި މި އަދަދު އުޅެނީ 250 ގައެވެ.
މީގެ ކުރިން 2005 އިން 2021 އަށް ބަލާއިރު، އިޒްރޭލު ސިފައިންގެ އަތުން މަހަކު އެވްރެޖްކޮށް މަރުވަނީ ފަލަސްތީނުގެ އެއް ކުއްޖެކެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަހަކު އެވްރެޖްކޮށް ހަތް ކުދިން މަރާލަ އެވެ.
ހިލައިގެ ބަދަލުގައި ވަޒަން
އޭއެފްޕީން ވަނީ އޮކްޓޯބަރު 7 ގެ ފަހުން ދަރިން ގެއްލުނު 12 މައަކާ ވާހަކަދައްކާފަ އެވެ. ކޮންމެ ހާދިސާއެއް ތަފާތުވި ނަމަވެސް، އެ އެންމެންވެސް ފާހަގަކުރީ އާއިލީ ދިރިއުޅުން ބުރޫއަރާފައިވާ ކަމާއި، މި ޖަރީމާތަކަށް ޒިންމާވާނެ ފަރާތެއް ނެތް ކަމެވެ.
ބީޓްސެލެމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މަރާލި ކުދިންގެ ތެރޭގައި އެންމެ ކުޑައީ ދެ އަހަރުގެ ކުއްޖެކެވެ. ގިނަ ކުދިންނަކީ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އިޒްރޭލު ސިފައިން ގިނަ ފަހަރަށް ބަޑިޖަހަނީ ހިލަ އުކާ ކުދިންނަށް އަމާޒުކޮށް، އެއީ "ޓެރަރިސްޓުން" ކަމަށް ބުނެއެވެ.
ނަމަވެސް، މުހައްމަދު ފަދަ ކުޑަކުދިން މަރުވި ބައެއް ހާދިސާތަކުގައި މަންޒަރު ދުށް މީހުން ބުނަނީ ސިފައިން ބަޑިޖަހަނީ އެއްވެސް ބެލުމެއް ނެތި ކަމަށެވެ. މީގެ އެއް މިސާލަކީ ޖޫން 2026 ގައި ހެބްރޮންގައި އިޒްރޭލު ސިފައިން ބަޑިޖަހައި މަރާލި ހަތް މަހުގެ ސޭމް އަބޫ ހައިކަލް އެވެ.
ފަލަސްތީނު މީހުންނަށް އިންސާފެއް ނުލިބޭ
ސޭމްގެ މަންމަ، ދާނިއާ އަބޫ ހައިކަލް ބުނި ގޮތުގައި ސިފައިން އެމީހުންގެ ކާރަށް ބަޑިޖެހިއިރު، ސޭމް އިނީ އޭނާގެ އުނގުގަ އެވެ. މި ހާދިސާގައި ދާނިއާގެ މޫނަށްވެސް ވަނީ ވަޒަން އަރާފަ އެވެ.
"ކޮންމެހެން ތުއްތު ކުއްޖަކަށް ބަޑިޖަހަންވީ ކީއްވެ؟ ހަތް މަހުގެ ތުއްތު ކުއްޖަކު ސިފައިންނަށް ކުރާނީ ކޮން އުނދަގުލެއް؟" ޔުނިވަރސިޓީ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރާ ދާނިއާ ސުވާލުކުރި އެވެ.
އިޒްރޭލު ސިފައިން ބުނެފައިވަނީ ސިފައިންނާ ދިމާއަށް އައުމުން ބަޑިޖެހުނީ "މިކަމުގައި ނުހިމެނޭ އާންމުންނަށް" ކަމަށެވެ. ނަމަވެސް ދާނިއާ ބުނާ ގޮތުގައި ސިފައިން ބަޑިޖަހަން ފެށީ ކާރު ހުއްޓާފައި އޮއްވަ އެވެ.
އޭނާގެ ހަމައެކަނި ދަރިފުޅު ގެއްލުމުގެ ހިތާމައިގައި ކޮންމެ ދުވަހަކު ރޮމުންދާ ދާނިއާ ބުނީ، އިޒްރޭލު މީހުންގެ އަތުން މަރުވާ ފަލަސްތީނު މީހުންނަށް އިންސާފު ނުލިބޭ ކަމަށެވެ. އެހެންނަމަވެސް، ކޮންމެވެސް ދުވަހަކުން އިންސާފު ލިބޭނެ ކަމަށް އޭނާ އުންމީދުކުރެއެވެ.
ލާފައި ހުރި "ބޮޑު ބަނޑުން" ސިއްހަތާ ބެހޭ އެތައް ވާހަކައެއް!
ބްރެޑްގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާން ކޮށްފި
