ކުރީގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓު ލިބުނު ފަންނީ މުވައްޒަފުންގެ ތެރެއިން އެފްލެޓް ދޫކޮށްލުމަށް ފަހު ހިޔާ މަޝްރުޢޫގެ ފްލެޓް ދޫކޮށްލާ ފަންނީ މުވައްޒަފުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ވިނަރެސް"އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަންނީ މުވައްޒަފުންގެ ފްލެޓް ދޫކޮށްލުމަށް ފަހު "ވިނަރެސް" މަޝްރޫއުއަށް ކުރިމަތިލާން އެދޭނަމަ އެފުރުސަތު މިމަހުގެ ނިޔަލަށް އެބައޮތްކަމަށެވެ.

ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުވެސް ފްލެޓް ބަދަލުކުރަން ބޭނުންވާ ފަންނީ މުވައްޒަފުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެކަމަށްވެސް އެމިނިސްޓްރީއިން ހާމަކުރެ އެވެ. އެހެންނަމަވެސް މި ފުރުސަތު އޮންނާނީ ހުޅުވާލެވޭ ހައުސިން ޔުނިޓްތަކުގެ އަދަދު ހަމަވަދެން ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސް ފަންނީ ކެޓަގަރީންނެވެ. މި ފަރާތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ހުޅުމާލޭގައި އެޗްޑީސީން ކުރިޔަށް ގެންދާ "ވިނަރެސް" ފްލެޓްތަކަށެވެ.

"ވިނަރެސް" މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިންގ ޔުނިޓެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢުގައި 4 ބާވަތެއްގެ ޔުނިޓްތައް ހިމެނެއެވެ. އެއީ މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއު އަދި ސްޓޭންޑަރޑް ވިއު ފްލެޓްތަކެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އަންނަނީ ތައްޔާރުވަމުންނެވެ. މި މަހުގެ 14 ވަނަދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެތަން ބަލާލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ތަން ބަލާން ދިޔަށް ގިނަ ބަޔަކު ސަކުވާއަކީ ފްލެޓްގެ ފިނިޝިންގެ މަސައްކަތް ނުނިންމާ ސަރުކާރުން ހަވާލު ކުރުމުގެ މަސައްކަތް ކުރާތީ އެވެ. އަދި ފިނިޝިންނަށް 3 މަސް ދުވަސް ދީފައިވާއިރު މިސަރުކާރަށް އެފްލެޓުތަކުގެ ފިނިޝިން މަސައްކަތް 3 އަހަރު ވެގެންދިޔައިރުވެސް ނުކުރެވިފައިވާތީ އެކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން އަންނަނީ ކުރަމުންނެވެ. އަދި ހިޔާ ފްލެޓްގެ ކުލި ބޮޑުވުމާއި ގުޅިގެންވެސް ފްލެޓް ލިބުނު ފަރާތްތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ.