ކޮވިޑް-19ގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމަށް މިވަނީ އެތައް ބަދަލެއް އައިސްފަ އެވެ. މި ބަލިމަޑުކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް މަޑު މަޑުން ލުއިލިބެމުން ދިޔަ ނަމަވެސް ކުރިން އުޅުނު އާއްމު ހާލަތަށް ދިއުމަށްޓަކައި އަދިވެސް ދިގު ރާސްތާއެއް އެބައޮތެވެ.

މިކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ދަރިންގެ އުނގެނުމަށެވެ. ސްކޫލްތައް ބަންދުވެ، ގޭގައި ތިބެގެން ކިޔަވަން މިއަދު ވަނީ ޖެހިފަ އެވެ. މި ލިޔުމުގައި މި ބަލާލަނީ ގޭގައި ތިބެގެން ދަރިންނަށް އުނގަންނައި ދޭން ބޭނުންކުރެވިދާނެ ބައެއް އުކުޅުތަކަށެވެ.

އުނގެނުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުން

ގޭގައި ތިބެ ސްކޫލް މާހައުލުގެ އިހްސާސް ގެނައުމަށްޓަކައި ގޭގެ ވަކި ސަރަހައްދެއް އުނގެނުމަށް ޚާއްސަ ކުރާށެވެ. އަދި އުނގެނުމާ ބެހޭ ތަފާތު ތަކެތިން އެ ސަރަހައްދު ޒީނަތްތެރިކުރާށެވެ. މިކަމުގެ ސަބަބުން ދަރިން ގޭގައި ތިބެ ވެސް އުނގެނުމަށް ހިތް ޖެހޭނެ އެވެ.

ޓެކްނޮލޮޖީ ބޭނުން ކުރުން

ގޭގައި އުނގަންނައި ދޭއިރު ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ވީޑިއޯ އާއި ފޮޓޯ ފަދަ ވިޒުއަލް ބޭނުންކުރުމަކީ އުނގަންނައިދޭ އެއްޗެއް ދަރިންނަށް ފަސޭހައިން ނަގައިގަނެވޭނެ ކަމެކެވެ.

ޓައިމްޓޭބަލެއް ކަނޑައެޅުން

ދުވާލުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ޓައިމްޓޭބަލެއް އެކުލަވާލައި އެއަށް އަމަލުކުރުމަށް ދަރިންނަށް ހިތްވަރު ދިނުމަކީ ކިޔެވުމަށް ފަސޭހަވުމުގެ އިތުރުން، އެ ކުދިންގެ އަޚްލާގު ވެސް އިތުރަށް ރަނގަޅު ކޮށްދޭނެ ކަމެކެވެ. ވަގުތަށް ކަމޭހިތުމާއި ކަންކަމުގައި ތަރުތީބު ގެންގުޅެން ދަސްކޮށްދޭނެ ކަމެކެވެ.

މިއަދުގެ ހާލަތަކީ ގޭގައި ތިބެގެން ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ހާލަތަކަށް ވުމާއެކު ދަރިންނަށް އުނގަންނައި ދިނުމުގައި ރަނގަޅު އުކުޅު ތަކެއް ގެންގުޅުމަކީ ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެކެވެ.