މަޝްހޫރު ސޯސަލް މީޑިއާއެއް ކަމަށްވާ ޓިކްޓޮކް ޕާކިސްތާނުގައި މަނާވެފައި އޮތުމަށް ފަހު ކޯޓްގެ އަމުރަކާ އެކު އެ ގައުމުގައި އަލުން ޓިކްޓޮކް ހުއްދަ ކޮށްފި އެވެ.

ޕާކިސްތާން ޓެލެކަމް އޮތޯރިޓީ (ޕީޓީއޭ) އިން ވަނީ ތިން ފަހަރެއްގެ މަތިން އެ ގައުމުގައި ޓިކްޓޮކް ބްލޮކް ކޮށްފަ އެވެ. އެންމެ ފަހުން އެ ސޯޝަލް މީޑިއާ ބްލޮކްކޮންފައި ވަނީ އާއްމު ފަރުދަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޕާކިސްތާނުގައި ޓިކްޓޮކް މަނާކުރަން ނިންމި ނިންމުމާއެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ ގިނަ ފާޑު ކިޔުންތަކެއް ވަނީ އެ ގައުމުގެ ސަރުކާރަށް އަމާޒުވެފަ އެވެ.

ޓިކްޓޮކަކީ ޕާކިސްތާނުގައި މަގުބޫލު ޕްލެޓްފޯމަކަށް ވާއިރު، އެ ގައުމުގެ ވިޔަފާރިވެރިން ދަނީ ވިޔަފާރި ކުރިއެރުވުމަށާއި މުދާ ޕްރޮމޯޓް ކުރުމަށް ޓިކްޓޮކް ބޭނުންކުރަމުންނެވެ.

މީގެ ކުރިން ޓިކްޓޮކް ބްލޮކްކުރީ ވަނީ އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ވީޑިއޯތައް އެ ޕްލެޓްފޯމްގައި ދައުރުވަމުން ދާތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޯޓްގެ މި ނިންމުމަށް ސަރުކާރުގެ ބަހެއް އަދި ލިބިފައި ނުވާއިރު ގިނަ ބަޔަކު ދަނީ މި ނިންމުމަށް މަރުހަބާ ކިޔައި އުފާ ފާޅުކުރަމުން ނެވެ.