އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތީގެ ތެރެއިން، މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވި ހުރި 324 ކިލޯގެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.

މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގަ އެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުންނާއި މީޑިއާގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުން ބައިވެރިވި އެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މަސްތުވާތަކެތި ނައްތާލުމަށް މިއަދު ހިންގި ހަރަކާތުގައި ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިން ބައިވެރިވަނީ. ޕޮލިސް

މިނިސްޓަރު ވިދާޅުވީ އެގޮތަށް އަތުލައިގަނެވޭ މަސްތުވާތަކެތި ތަހުގީގު މަރުހަލާ ނިންމައި ވީހާވެސް އަވަހަށް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށެވެ.

ފުލުހުން ބުނީ މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12،778 ހެކީގެ ގޮތުގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅަ އާއި އެހެނިހެން 7،9225 އައިޓަމް ކަމަށެވެ. އަދި އެ ތަކެތީގެ ޖުމްލަ ބަރުދަނަކީ 324.05 ކިލޯގްރާމެވެ. މީގެ ތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިން އާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމްޑީއެމްއޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި މިއަދު ނައްތާލަނީ. ޕޮލިސް

ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިޔައީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.