ލާހޯރު (04 ޖުލައި) - މިދިޔަ ޖޫން މަހު ޕާކިސްތާނުގެ ލާހޯރުގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަކީ އިންޑިއާގެ ޖާސޫސީ އިދާރާ، ރިސާޗް އެންޑް ސެނަލިސިސް ވިންގް (ރޯވް) އިން ދިން ހަމަލާއެއް ކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފި އެވެ.

ޕާކިސްތާނުގެ ނެޝަނަލް ސެކިއުރީޓީ އެޒްވައިޒަރު މުއީދު ޔޫސުފް ވިދާޅުވާ ގޮތުގައި އެ ހަމަލާ ދިނީ އިންޑިއާގެ އިންޓަލިޖެންސް އޮޕަރޭޝަނެއްގެ ދަށުން ކަމަށް މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ސާބިތު ވެފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއީދު ވިދާޅުވީ ހަމަލާ ދީފައިވަނީ އިންޑިއާގެ ރޯވް އިންޓެލިޖެންސް އެޖެންސީގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތެއް ކަމަށެވެ. އޭނާގެ ވަނަވަރު ޕާކިސްތާނުގެ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

"މި ހަމަލާގައި އިސްކޮށް އުޅުނު ފަރާތަކީ ރޯވްގެ މީހެއްކަން ހޯދިފައިވާ ހެކިތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ،" މުއީދު ވިދާޅުވި އެވެ.

ޖޫން މަހުގެ 23 ވަނަ ދުވަހު ކާރެއްގައި ބޮން ހަރުކޮށްގެން ދީފައިވާ މި ހަމަލާ ހިންގާފައި ވަނީ ޕާކިސްތާނުގެ އެންޓި އިންޑިއާ މިލިޓަންޓެއް ކަމަށްވާ ހާފިޒު ސައީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގަ އެވެ. މި ހާދިސާގައި ތިން މީހުން މަރުވެފައިވާއިރު، 24 މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މި ހާދިސާގައި ހާފިޒަށް އެއްވެސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތް ވެފަ އެވެ.

ހާފިޒަކީ އެމެރިކާއިން ޓެރެރިސްޓެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާ އަދި އޭނާ މަރާލައިފި މީހަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާ މީހެކެވެ.

ހާފިޒަކީ އިންޑިއާގެ މުމްބާއީގައި 2008 ވަނަ އަހަރު ދިން ހަމަލާގެ ތުހުމަތުތަކުގައި އިންޑިއާ އިން ހޯދަމުންދާ މީހެކެވެ. އޭނާ އާ ދެކޮޅަށް އެދެވޭ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ޕާކިސްތާނަށް ދަނީ އިންޑިއާ އާއި އެމެރިކާގެ ފާޑުކިޔުންތައް ކުރިމަތި ވަމުންނެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ އެ ގައުމުތަކުގައި ހިންގާ ބޮމުގެ ހަމަލާތަކަށް އެއް ގައުމު އަނެއް ގައުމަށް އަބަދުވެސް ތުހުމަތުތަކެއް ކުރަމުން އަންނަ ދެ ގައުމެވެ.

މި ބޮމުގެ ހަމަލާއާ ގުޅުންހުރި ގިނަ ބަޔަކު ވަނީ ޕާކިސްތާނުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ބޮން ހަރުކޮށްފައި ހުރި ކާރުގެ ވެރިޔާ ވެސް ހިމެނެ އެވެ.

ޕާކިސްތާނުގެ މި ތުހުމަތުތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ. --އަލް އަރަބިއްޔާ