ސެޓެލައިޓް ސްކޫލްގެ ގޮތުގައި ގާއިމްކުރާ ވ. ރަކީދޫއާއި، އެ އަތޮޅު ތިނަދޫ ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އެސްބްރޯ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވި ޑިރެކްޓަރު ހަސަން މުހައްމަދު ތަވީލެވެ. ސިލްވާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު އަމީން އިބްރާހީމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ވ. ރަކީދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2،892،80.66ރ. އަށް ކަމަށެވެ. އަދި ވ. ތިނަދޫ ސްކޫލުގެ މަސައްކަތް ސިލްވާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 1،346،681.81ރ. އަށެވެ.

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލް ނެތް ދެ ރަށް ކަމަށްވާ ވ. ރަކީދޫއާއި އެއަތޮޅު ތިނަދޫގައި ސެޓަލައިޓް ސްކޫލިން ގާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.