މާލެ އަތޮޅު ގުޅިފަޅު ހިއްކުން ލަސްވުމުގެ ސަބަބުން އެމްޑަބްލިއުއެސްސީއަށް ބަދަލު ދޭން އަންގައި ކޮށްފައިވާ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ސިވިލް ކޯޓުން ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ)ގެ ހުކުމްކުރީ އެމްޑަބްލިޔުއެސްސީއަށް 2.8 މިލިއަން ޑޮލަރު ދެއްކުމަށެވެ. އެގޮތަށް ސިވިލް ކޯޓުން ހުކުމްކުރީ ގުޅީފަޅުގެ ހަ ހެކްޓަރު ބިން ހިއްކައި ތޮށިލުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ޖީޕީޑީއާ ހަވާލުކުރި މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމާފައި ނެތުމުންނެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ޖީޑީޕީއިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ވެސް ހައިކޯޓުން ތާއިދުކުރީ ސިވިލް ކޯޓުގެ ނިންމުމަށެވެ. އެހެންވެ، ޖީޕީޑީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ، ޖީޕީޑީން ހުށަހަޅާފައިވާ ކަންކަމަށް ބަލައި، މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ހައިކޯޓުގެ ހުކުމް ތަންފީޒުނުކޮށް މަޑުޖައްސާލުމެވެ.
އެހެންވެ ސުޕްރީމް ކޯޓުގައި މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުނުކުރުމަށް އެ އަމުރުގައި އެންގި އެވެ. އެ އަމުރު ނެރެފައިމި ވަނީ އެމްޑަބްލިއުއެސްސީން ހައިކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.