ކޮވިޑުން ދިފާއުވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް އަމިއްލައަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހޭނީ އަމިއްލައަށް އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކުގެ ތަރުތީބުން ކަމަށެވެ. އެގޮތުން އެޗްޕީއޭގެ ލިންކް މެދުވެރިކޮށް މިހާރު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި މިއަދުން ފެށިގެން ވެކްސިން ސެންޓަރުތަކުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ދޫ ނުކުރާނެ ކަމަށް ވެސް ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ވަގުތަށް ނާދެވިއްޖެ ނަމަ ބުކިން ކެންސަލްވާނެ ކަމަށެވެ. އަދި އެޕޮއިންމަންޓް ހެއްދުމަށް އެހީތެރިކަން ބޭނުންވާ ނަމަ 1676 އަކަށް ގުޅުމަށް އެޗްޕީއޭއިން އެދެ އެވެ.

ކޮވިޝިލްޑް ވެކްސިން ލިބުން ދަތިވެ، މާލެ ސަރަހައްދުގައި އެ ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ދެމަސް ދުވަހުގެ މެދެކެނޑުމަކަށް ފަހު އަލުން ކޮވިޝިލްޑް ދެ ވަނަ ޑޯޒު ޖަހަށް އިއްޔެ ވަނީ ފަށާފަ އެވެ. މިއީ މިމަހުގެ ހަތަރު ވަނަ ދުވަހު ގެނައި ޝިޕްމަންޓެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. މިފަހަރު ގެނައި ވެކްސިން ޝިޕްމަންޓަކީ އަމިއްލަ ފަރާތަކުން ހަދިޔާ ޝިޕްމަންޓެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.