ޔޫކްރެއިންގެ އަންހެން ސިފައިން އަސްކަރީ ހިނގާލުންތަކުގެ ތަމްރީނުތައް އުސް ފައިވާނާއެކު ހަދަން ޖެހޭ ގޮތަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ނިންމި ނިންމުން އެގޮތުގައި ދަމަހައްޓައިފި އެވެ.

މި ނިންމުން ދަމަހައްޓަން ނިންމާފައިވަނީ ގާނޫނު ހަދާ ފަރާތްތަކާއި އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް އެކަމާ ގުޅޭގޮތުން ފާޅުކޮށްފައި ވަނިކޮށެވެ.

މި ނިންމުމާއެކު އެ ގައުމުގެ 30 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް އަންނަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި އަންހެން ސިފައިން ބައިވެރިވާން ޖެހޭނީ އުސް ފައިވާނުގަ އެވެ.

އަންހެން ސިފައިން އުސް ފައިވާނުގައި އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ބައިނަލްއަގްވާމީ އަސްކަރީ އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށާއި އެއީ ސިފައިންނަށް ގިނަ އަނިޔާތަކެއް ލިބިދާނެކަމެއް ކަމަށް މި ނިންމުމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް ގިނަ ފާޑު ކިޔުންތަކަކާއެކު ވެސް ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ނިންމުން ދިފާއުކޮށް ދުނިޔޭގެ އެހެން އަސްކަރިއްޔާތަކުގައި އަންހެން ސިފައިން އަސްކަރީ ހިނގާލުންތަކުގައި އުސް ފައިވާނާއެކު ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާގައި 57،000 އަށްވުރެ ގިނަ އަންހެން ސިފައިން ހަރަކާތްތެރިވާއިރު، ޖިންސުގެ ހަމަހަމަކަން އަސްކަރިއްޔާގައި ގާއިމުކުރުމަށް ޑިފެންސް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.