މަރުކަޒީކޮށް ކުށުގެ ރެކޯޑް ބެލެހެއްޓުމުގެ އިދާރާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހަމަޖައްސަވައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމަށް، އެ ގާނޫނުގެ 187ވަނަ މާއްދާގެ (ހ)ގައި ވަނީ ބަޔާންކޮށްފަ އެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް ކަނޑައެޅުމާއެކު، މާދަމާ އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 187ވަނަ މާއްދާގެ (ށ)ގެ ދަށުން ޑީޖޭއޭއިން ގާއިމުކުރަން ޖެހޭނެ އެވެ.

ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ މަރުކަޒީ އިދާރާއެއް ކަނޑައެޅުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގަން ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ކުށުގެ ރެކޯޑް ބަލަހައްޓަން އެކި އޮފީސްތަކަށް ދާންޖެހުމުން ބޮޑު ތަކުލީފެއް އާންމު ރައްޔިތުންނަށް ކުރިމަތިވެއެވެ. ނަމަވެސް އެއް އިދާރާއަކުން ކުށުގެ ރެކޯޑް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދިޔުމަކީ ވަރަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.