ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އޭރުގެ އިދިކޮޅު އެމްޑީޕީ އުފެއްދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ކޯލިޝަނުގެ ތެރެއިން ހައްގުވާ މިންވަރު ނުލިބޭތީ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޝަކުވާކޮށްފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކޯލިޝަން ތެރެއިން ހައްގުވާ މިންވަރު ނުލިބުނަސް ކޯލިޝަނުން ވަކިނުވާނެ ކަމަށެވެ. އަދި އެއީ ކޯލިޝަން ރޫޅާލަން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ. އިމްރާން ވިދާޅުވީ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކަށް އެ ޕާޓީއަކަށް ހައްގުވާ މިންވަރު ނުލިބޭ ކަމަށާއި އެ މިންވަރު ފޯރުކޮށްދޭން ވެސް މަސައްކަތް ނުކުރާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެންމެންނަށްވެސް އަޅުގަނޑުމެން އެދޭ މިންވަރެއް ނުލިބެ. މި ސަރުކާރު ތަމްސީލުކުރާ އެއްވެސް ޕާޓީއަކުން އެ ޕާޓީގެ ލީޑާޝިޕާ މެމްބަރުން އެދޭ މިންވަރެއް އެއްވެސް ޕާޓީއަކަށް ނުލިބެ،" އިމްރާން ވިދާޅުވި އެވެ.

ބަޔަކު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ހައްގުވާ މިންވަރު ހޯދައިދޭނެ ކަމަށް ބަލައިގެން ތިބުމުގެ ބަދަލުގައި އަމިއްލައަށް އިސް ނަގައިގެން ޕާޓީތަކުން ހައްގުވާ މިންވަރު ހޯދަން މަސައްކަތް ކުރައްވަން ޖެހޭނެކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ހައްގު މިންވަރު ހޯދަން މަސައްކަތް ކުރި ނަމަވެސް ޕާޓީ ތަކުގެ ބުރަ މަސައްކަތުން ގެނައި މި ސަރުކާރު އަމިއްލަ އަތުން ހަލާކު ކޮށްލުމަކީ ހަށީގައި ހޭހުއްޓާ އެއްވެސް ލީޑަރަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ކޯލިޝަން ދެމި އޮންނާނެ ފުރިހަމަ ކަމުގެ ޔަގީންކަން އިމްރާނަށް ދެވިފައި ނުވެ އެވެ. އޭނާ ވިދާޅުވީ އެކަމަށް އެންމެ ރަނގަޅަށް ޖަވާބު ދެވޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

"އަޅުގަނޑު އެކަމުގަ ސީދާ ބަހެއް ދެއްނެވުމަށް އެދޭނީ ރައީސް އަރިހުގަ. އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ. އެކަން ދިފާއު ކުރުމަށްޓަކައި ދެއްވަން ޖެހޭ ދޫތައް ރައީސްވެސް ދެއްވަން ވާނެ. އެމްޑީޕީގެ ރައީސްވެސް ދެއްވަން ވާނެ. ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ދެއްވަން ވާނެ. އެމްއާރުއެމްގެ ރައީސްވެސް ދެއްވަން ވާނެ،" އިމްރާން ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގަ އެވެ.

ނަމަވެސް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށެވެ. އެކަމާ ގުޅިގެން ކޯލިޝަންގެ ބައެއް ލ،ީޑަރުން ހިތްހަމަނުޖެހުން ފާޅުކުރިި އެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމުގައި ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުން ވަކިކުރުމަށްފަހު، އެ މިނިސްޓްރީގެ ސްލޮޓް އަދާލަތަށް ދިނުމުގެ ބަދަލުގައި ދީފައި ވަނީ އެމްޑީޕީ އަށެވެ.