އިއްޔެއަކީ ރާއްޖޭގައި، ގައުމީ ފެންވަރުގައި ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަމުން އަންނަ ލިޔުންތެރިންގެ ދުވަހެވެ. ލިޔުންތެރިންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށްޓަކައި ދުވަހެއް ފާހަގަ ކުރަމުންދާއިރު، އެ ލިޔުންތެރިންގެ މިއަދުގެ ހާލަތާއި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަކީ މިފަދަ ދުވަހެއްގައި ކުރުން ވަރަށް މުހިއްމު ކަމެކެވެ.
ލިޔުންތެރިންނަކީ މުޖުތަމައުގެ ދުލެވެ. ރައްޔިތުންގެ އަޑެވެ. ވީއިރު ލިޔުންތެރިކަމަށް ވުރެ މުހިއްމު ދާއިރާއެއް ކޮބައި ހެއްޔެވެ؟ ދިވެހި އަދަބިއްޔާތުގެ ތެރެއިން ގައުމުގެ އަޑު އިއްވައިދިނުމަށް ވުރެ މަތިވެރި ކަމެއް ކޮބައިތޯ އެވެ؟ ނަމަވެސް މިއަދު ލިޔުންތެރިންނަށް މިގައުމުގައި އޮތީ ކޮން ދައުރެއްތޯ އެއީ ކުރެވޭ ސުވާލެކެވެ. އެ ލިޔުންތެރިންގެ އަގު ވަޒަން ކުރެވެނީ ކިހާ ވަރަކަށްތޯ އެއީ ލިޔުންތެރިއެއްގެ ހައިސިއްޔަތުން މިއަދު ހިތުގައި ވެސް އުފެދޭ ސުވާލެކެވެ.
ދިވެހި އަދަބިއްޔާތުގެ އެއް ތަނބު ކަމަށްވާ ލިޔުންތެރިކަމަކީ މިއަދު މި ގައުމުގައި ފަނޑުވެ ނެތެމުންދާ ފަންނީ ހުނަރެކެވެ. އަރަމުން އަންނަ ޅަ ޖީލު ބޭރުގެ ބަސްތަކަށް ހޭނި އަމިއްލަ މާދަރީ ބަހަށް އޮންނަ ލޯބި ކުޑަވުމަކީ މިއަދު ޒުވާން ލިޔުންތެރިން އުފެއްދުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ދެން އޮތީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ވާހަކަ އެވެ. ލިޔުންތެރިއެއް ލިޔާ ލިޔުމެއްގެ ސަބަބުން ނުވަތަ ޝާއިއުކުރާ ޚަބަރެއްގެ ސަބަބުން އަދާކުރާ ވަޒީފާއަށް ނުރައްކާ ވެދާނެ ކަމަށް މިއަދު ކޮންމެ ލިޔުންތެރިއަކު ވެސް ވިސްނަން ޖެހެ އެވެ. ބޮޑުންގެ ހިތް ނުރުއްސަވާފާނެތީ ގަލަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން އޮންނަނީ ނުކުރެވިފަ އެވެ.
ކަންތައް މިހެން އޮތްއިރު ލިޔުންތެރިންގެ ދުވަހުގެ ނަމުގައި ކަލަންޑަރުގައި ދުވަހެއް ފާހަގަކޮށް، އެ ދުވަހާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރުމަކުން ފުދުނީއޭ ބުނެވޭކަށް ނެތެވެ. ލިޔުންތެރިންގެ ދުވަސް އޭގެ ހަގީގީ މާނައިގައި ފާހަގަ ކުރެވޭނީ ލިޔުންތެރިންނަށް އެ މީހުންގެ ޙައްގުތައް މިނިވަންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ލިބިގެންނެވެ.
ލިޔުންތެރިކަމަށް އޮތް ގޮންޖެހުންތަކާއެކު ވެސް މި ދާއިރާގައި ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ލިޔުންތެރިންގެ އަގު މިއަދު އަޅުގަނޑުމެން ފާހަގަ ކުރަން ޖެހެ އެވެ. އެ ބޭފުޅުންގެ ޚިދުމަތްތައް ފާހަގަކޮށް އެކަމަށް އައްސަރިބަހާ ސާބަސް ދޭން ޖެހެ އެވެ.
އަދިވެސް އެއްފަހަރު ރާއްޖޭގެ ހުރިހާ ލިޔުންތެރިންނަށް ލިޔުންތެރިންގެ ދުވަހުގެ މަރުހަބާ ކިޔަމެވެ. ތިޔަ ގައުމީ ޚިދުމަތުގައި ސާބިތުކަމާއެކު ދެމި ތިއްބަވާށެވެ. އަޅުގަނޑުމެންގެ ދުއާއަކީ ތިޔަކުރައްވާ ތިޔަކުރައްވާ މަސައްކަތްތަކަށް އިތުރު ކާމިޔާބީ ލިބުމެވެ.