ދުނިޔޭގައި ކޮވިޑް -19ގެ ޕެންޑަމިކްގެ ވަބާ ފެތުރެމުން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ އެންމެ ބޮޑު ހިތާމައަކަށް ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުމެވެ. މި ޕެންޑަމިކްގެ ތެރޭގައި ހޭދަވި ދެ އަހަރުގައި ވެސް ހަރުކަށި ފިޔަވަޅުތަކަކާ އެކު ހައްޖުގެ އަޅުކަން ކުރިއަށް ދިޔަ ނަމަވެސް މި އަޅުކަން ނުކޮށް ދޫކޮށްލެވުނު ހާދިސާތަކެއްވެސް ތާރީހުން ފެންނަން އެބަ ހުއްޓެވެ.

ސިޔާސީ ނުތަނަވަސްކަން

ބައިނަލް އަގުވާމީ މަސްރަހުގައި އޮތް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ހައްޖުގެ އަޅުކަން ނުކުރެވި ދިޔަ ހާލަތްތަކެއް ވެސް މާޒީގައި ފެންނަން އެބަހުއްޓެވެ. އެގޮތުން ހިޖުރައިން 983 ވަނަ އަހަރު އިރާގާއި ސިރިޔާގެ ވެރިންގެ މެދުގައި ކުރިއަށްދިޔަ ސިޔާސީ ހަމަނުޖެހުންތަކެއްގެ ސަބަބުން މުސްލިމުން ހައްޖަށް ދިއުމަށް ހުރަސްއަޅައި އެ އަހަރުގެ ހައްޖު ވަނީ ކެންސަލް ކުރެވިފަ އެވެ.

ސިއްހީ ވަބާތައް

ތާރީހުން އެނގޭ ގޮތުގައި 30 އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ތަފާތު ސިއްހީ ވަބާތަކުގެ ސަބަބުން ހައްޖު ކެންސަލްކުރަން ޖެހިފައިވެ އެވެ. އެގޮތުން މައްކާގައި ހިމަބިހި ފެތުރި 1837 ވަނަ އަހަރުން ފެށިގެން 1840 ވަނަ އަހަރާ ހަމައަށް ހައްޖުގެ އަޅުކަން އޮތީ މެދުކަނޑާ ލެވިފަ އެވެ. އޭގެފަހުން 1846 ވަނަ އަހަރު ވެސް މައްކާގައި ކޮލެރާ ފެތުރި ހައްޖުގެ އަޅުކަން ކެންސަލް ކުރަން ޖެހިފައި ވެއެވެ.

ގަރުމަތައިންގެ ހަމަލާ

ހިޖުރައިން 930 ވަނަ އަހަރު ބަހްރެއިންގެ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްވާ ގަރުމަތައިންގެ ހަމަލާއެއް ހައްޖު މޫސުމުގައި މައްކާއަށް އަމާޒު ވިއެވެ. ނަތީޖާ އަކަށްވީ 30،000 އަށް ވުރެ ގިނަ ހައްޖުވެރިން މަރުވެ، ޒަމްޒަމް ވަޅު ވެސް މައްޔިތުންގެ ހަށިތަކުން ފުރާލެވުމެވެ. މީގެ އިތުރުން އެ ޖަމާއަތުން ވަނީ ކައުބާގައި ހުންނަ މާތްވެގެންވާ ހަޖަރުލް އަސްވަދު ވަގަށް ނަގައި ބަހްރެއިންނަށް ގެންގޮސްފަ އެވެ. މި ހާދިސާގެ ސަބަބުން 10 އަހަރު ވަންދެން ހައްޖުގެ އަޅުކަން މެދުކެނޑިފައި އޮތެވެ.

މާޒީގައި އެތައް ފަހަރެއްގެ މަތިން ހައްޖުގެ މަތިވެރި އަޅުކަން ކެންސަލް ކުރެވިފައިވާއިރު މިއަދުގެ މި ހާލަތުގައި ހަރުކަށި ފިޔަވަޅުތަކާއެކު ނަމަވެސް، އެ އަޅުކަން ކުރިއަށް ދިއުމަކީ އަޅުގަނޑުމެން އުފާކުރަން ޖެހޭ ކަމެކެވެ.