ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ދޫކޮށްލައިފި އެވެ.
ދިވެހި ފުލުހުން ކަނޑުމަތީގައި ހިންގި ބޮޑު އޮޕަރޭޝަންގައި ބޮންޑާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި އައްޑޫގެ އެންމެ ވަރުގަދަ އެއް ޑްރަގު ޑީލަރު ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ވެސް ހިމެނެ އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 8 މީހަކު ތަހުގީގަށް އިތުރަށް ބަހައްޓަން ނުފެންނާތީ ދޫކޮށްލާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅިގެން ބޮންޑާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް އައްޑޫ ސިޓީ ހިތަދޫ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖެހިއެވެ. ބޮންޑާ ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު ހަމަވުމުންނެވެ. އޭނާ މިއަދު ކޯޓަށް ގެންގޮސްފައެއް ނުވެ އެވެ.
ބޮންޑާ ހައްޔަރުކުރި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފައި ވަނީ ބޮންޑާ ހައްޔަރު ކުރީ ކަނޑު މަތީގައި އިންޖީނު ހުއްޓިފައި އޮތް ލޯންޗެއް ކަފު ޖަހައިގެން ބަނދަރާއި ހަމައަށް ގެނެސްދިނުމުންނެވެ. ބޮންޑާ އާ މަސްތުވާތަކެއްޗާ ގުޅުމެއް ނެތް ކަމަށްވެ އެވެ.
މި އޮޕަރޭޝަންގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ އިރު، 14 މީހަކު ހައްޔަރު ކުރިއެވެ. މި 14 މީހުންގެ ތެރެއިން އަބުޗާ އާއި އިތުރު މީހެއްގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހިތަދޫ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ސްޕޯޓްސް ފިޝިން އަށް ހުރިހާ ވަގުތެއް ހޭދަކުރަމުން އަންނަ ބޮންޑާ އެހީތެރިވެދީފައި ވަނީ އަބުޗާގެ ލޯންޗު ކަނޑުމައްޗަށް ހުއްޓުމާ ގުޅިގެންނެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި ކިޔައިދިން ގޮތުގައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ކަނޑުމަތިން އަތުލައިގަތީ، އަބުޗާގެ ލޯންޗު ކަފުޖަހައިގެން ރަށަށް ގެނެސްދިންތާ ގާތްގަނޑަކަށް ދެ ދުވަސް ފަހުންނެވެ.
މި އޮޕަރޭޝަންގައި ފުލުހުން، މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން އެ ތަކެތި ވަނީ ނަގައިފަ އެވެ.
މި މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އަބުޗާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުރިން އަށް ފަހަރު ހައްޔަރުކޮށްފައެވެ. މަސްތުވާތަކެތީގެ އިތުރުން ގްރޫޕް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް، ފުލުހުން ބުނެއެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.