ސަރުކާރާއި ރައްޔިތުުންގެ މަޖިލީހުގެ ތެރޭގައި މައްސަލަ އުފެދި ކޯޅުންތަށް ބޮޑުވެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ދޭހަވާފަދަ މޭރުމަކުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ ކްލަބްހައުސްގައި ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައެއް މައްސަލަތައް އާއްމުންނާ ހަމައަށް ތިލަކޮށްފަ އެވެ.

އެގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ މައްޗަށް ބައެއް ވަޒީރުންގެ ނުފޫޒު އޮންނަ ކަމާއި ވަކި މީހަކަށް ވަޒީފާ ދޭން ވެސް ބައެއް މެންބަރުން ވަޒީރުންގެ އަރިހުގައި އެދިފައި އޮންނަ ކަމަށެވެ. އިތުރު ތުހުމަތެއް މަޖިލިސް މެމްބަރުންނަށް ކުރައްވަމުން އާޒިމް ވިދާޅުވީ، ސަރުކާރުން ފޮނުވާ ބައެއް ބިލުތަކާއި، ބައެއް މައްސަލަތަކުގެ އިތުރުން، ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން ހުށަހަޅާ ބިލުތަކުގައި ނަޝީދުއާއި ސަރުކާރުގެ ފަރާތުން ވެސް މެންބަރުންނަށް ލޮބީ ކުރައްވާ ކަމަށްވެއެވެ.

އެގޮތަށް ނުފޫޒު ބޭނުން ކުރުމުގެ ސަބަބުުން މެމްބަރުން މަޖިލިސް ތަޅުމުގައި ދައްކާ ވާހަކަ އާއި ޕީޖީގެ ސިއްރު ބައްދަލުވުންތަކުގައި ދައްކާ ވާހަކަ ދިމާނުވާކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވަނީ އެފަދަ މޭރުމަކުން ކަންކަން ހިގަނީމ ދެ ރައީސުންގެ ދެމުދު އުފެދިފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އާޒިމް ވިދާޅުވީ، އެމްޑީޕީގެ އިސް ދެ ލީޑަރުންގެ މެދުގައި އުދެފިފައިވާ މައްސަލަތަށް ހައްލުވުމުން އެމްޑީޕީ ރަނގަޅަށް ފަންކްޝަން ،ކުރާނެ ކަމަށެވެ.

ވެރިކަންކުރާ ސަރުކާރުގެ މައި ކޯލިޝަންގެ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އެއީ ރައީސް ސޯލިހު އަށާއި ނަޝީދަށް ތާއިދު ކުރައްވާ ފެކްޝަނެވެ، މަޖިލިސް ގިނަ މެމްބަރުންނާއި ގިނަ މިނިސްޓަރުން ތިއްބެވީ ރައީސް ސޯލިހުއާއެކު އެވެ. ނަޝީދާ އެކު ތިއްބެވީ ވަރަށް މަދު ބައެކެވެ.

ރައީސް ސޯލިހު އާއި ނަޝީދާއި ދެމެދު ޖެހިފައިވާ މައްސަލައަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ މައްސަލ އެވެ. ނަޝީދު ބޭނުންފުޅު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްގެން ބޮޑު ވަޒީރުކަމަށް އަންނާށެވެ. އެކަން ނަޝީދު ވަނީ ރައީސް ސޯލިހުއަށް ވެސް ދަންނަވައިފަ އެވެ. އަދި ވަރަށް ފަހުން ވަނީ ވެރިކަމުގެ ނިޒާމު 2023 ވަނަ އަހަރު ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ނަޝީދަށް ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަންކުރާނެ ނިޒާމެެއް ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. ނަޝީދު ސިފަކުރައްވާ ގޮތުގައި ބޮޑުވަޒީރަށް ވުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު އެވެ. އަދި އެކަން ކުރައްވަނީ މިނިސްޓަރުންނަށާއި މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވައިގެންނެވެ.