މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓިކްޓޮކް ޕާކިސްތާނުގައި އިއްޔެއިން ފެށިގެން މަނާކޮށްފި އެވެ.

ޕާކިސްތާނުން ބުނީ އެ ގައުމުގައި ޓިކްޓޮކް މަނާކުރީ މުޖުތަމައާ ނުގުޅޭ ހުތުރު އަމަލުތަކެއް ދައްކުވައިދޭތީ އެކަން ނުހުއްޓުވިގެން ކަމަށެވެ.

ޕާކިސްތާން ޓެލެކޮމް އޮތޯރިޓީ (ޕީޓީއޭ) އިން ބުނެފައި ވަނީ އެ ފަރާތުން އެ ފިޔަވަޅު އަލުން ބަލާނެ ކަމަށެވެ. އަދި އެތަނުން ގެންނަން ބޭނުންވާ އިސްލާހުތައް ގެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓިކްޓޮކުން ބުނެފައިވަނީ ޕާކިސްތާނުން އެޅި ފިޔަވަޅާ ބެހޭ ގޮތުން އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ޕާކިސްތާނުގެ އަމަލު ބަލައި ނުގަންނަ ކަމަށް ޓިކްޓޮކުން ބުނެފައިވެ އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން ޕާކިސްތާނާއެކު މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމަށް. ޕާކިސްތާނަކީ ވަރަށް އުފެއްދުންތެރި އަދި ކުޅަދާނަ މީހުން އުޅޭ ގައުމެއް،" ޓިކްޓޮކުން ބުނެފައިވެ އެވެ.

ޗައިނާގެ ބައިޓް ޑާންސުން އުފައްދާފައިވާ އެޕްލިކޭޝަން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔޭގައި ވައިގަ ހިފައިފަ އެވެ.

ޕާކިސްތާނުގެ އިތުރުން އިންޑިއާ އިން ވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ޓިކްޓޮކް މަނާކޮށްފަ އެވެ. އޭގެ އިތުރުން އެމެރިކާ އަދި އޮސްޓްރޭލިއާގައި އެ އެޕްލިކޭޝަން މަނާކުރަން ދަނީ މަސައްކަތްކުރަމުންނެވެ.