ޖަކާޓާ (14 ޖުލައި) - އިރުމަތީ އޭޝިއާގެ އިންޑޮނޭޝިއާގެ ކޮވިޑް -19ގެ ހާލަތު ގޯސްވަމުން ގޮސް، ދުވާލެއްގެ މައްޗަށް ކޮވިޑްގެ ކޭސްތައް ފެންނަ އަދަދު އިންޑިއާއަށް ވުރެ ވެސް މައްޗަށް ހިނގައްޖެ އެވެ.

އިންޑޮނޭޝިއާގައި ކޮވިޑްގެ ކޭސްތައް ދުވާލެއްގެ މައްޗަށް ފެންނަ އަދަދު ޖެހިޖެހިގެން ތިން ދުވަހު 40،000 އިން މަތީގައި ރެކޯޑް ކުރެވިފައިވާއިރު، ބުދަ ދުވަހު މި އަދަދު ރެކޯޑު ކުރެވިފައި ވަނީ 54،517 ގަ އެވެ. މިއީ މިހާތަނަށް އެ ގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑްގެ ކޭސްތައް އެންމެ މަތިން ރެކޯޑް ކުރެވުނު އަދަދެވެ.

މިއާއެކު އެ ގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ހަލުވިކަމާއެކު ފެތުރޭ ކޮވިޑް -19ގެ ވޭރިއަންޓެއް އެ ގައުމުގެ ޖާވާ އޭ ކިޔުނު ސަރަހައްދުގައި ފެތުރެމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ރޭޓްގައި ބަލި ފެތުރެމުންދާ ނަމަ ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް އިތުރުވެގެން ހިނގައިދާނެ ކަމަށް އެ ބޭފުޅުން ދަނީ އިންޒާރު ދެމުންނެވެ.

އިންޑޮނޭޝިއާގައި ކޮވިޑް ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު ދުނިޔޭގައި މިހާތަނަށް ހާލަތު އެންމެ ގޯސްވި އިންޑިއާ އަށްވުރެ ހާލަތު ގޯސްވެފައިވާ ކަމަަށް މާހިރުން ބުނެ އެވެ. 1.4 ބިލިއަން މީހުނުގެ އާބާދީއެއް އޮންނަ އިންޑިއާއިން މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވީ 39،000 މީހުންނެވެ. އެހެންކަމުން އާބާދީގެ ނިސްބަތަށް ބަލާއިރު މިވަގުތު އިންޑިއާއަށް ވުރެ ވެސް އިންޑޮނޭޝިއާގެ ހާލަތު މާ ގޯހެވެ. އިންޑޮނޭޝިއާގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 31 ޕަސެންޓްގައި އުޅޭއިރު އިންޑިއާގައި އެ ރޭޓު އުޅެނީ ދެ ޕަސެންޓްގަ އެވެ.

ކޮވިޑް ބަލީގައި އެ ގައުމުން މިދިޔަ ހަފްތާގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 900 މީހުން މަރުވިއިރު، މިއީ މީގެ އެއްމަސް ކުރިން އެ ގައުމުން ފެނުނު އަދަދުތަކާ އަޅާބަލާއިރު 8 ގުނަ އިތުރު އަދަދެކެވެ.

އެހެންކަމުން މިވަގުތު ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމަކީ އިންޑޮނޭޝިއާ ކަމަށް ބަލީގެ ދިރާސާތައް ކުރަމުން އަންނަ މާހިރުން ވަނީ ބުނެފަ އެވެ. -- ބްލޫމްބާގް