ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކި ލެވެލްގައި، ޚާއްސަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެކަން ހަރުކަށި އިބާރާތުން ޕީޕީއެމް، ޕީއެންސީން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް، ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް މިމަހުގެ އަށް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ނުފޫޒުފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާކަމުގެ މައުލޫމާތު އެކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.

މިއީ ސުޕްރީމްކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރުމާއެކު، ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަގީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީގެ އިސްވެރިންނާއި މިސަރުކާރުގެ އިސްވެރިން ގޮތްހުސްވެގެން ކުރަމުންދާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ވެސް ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ގާނޫނު އަސާސީގެ 157ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މުސްތަގިއްލު، ވަކި ފަރާތަކަށް ބުރަ ނުވާ މުއައްސަސާއެއްގެ ގޮތުގައި ބަޔާންކުރެވިފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ލޯޔަރުންނާއި، މިސަރުކާރަށް ތާއީދުކުރާ ފަރާތްތައް ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދިއުމުން، މިސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް ބާރުފޯރުވާފައިވާ މިންވަރު ވަރަށް ސާފެވެ،" އެ ބަޔާނުގައިވެ އެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެމަނިކުފާނު ޖަލުގައި ގައިދުކޮށް ބަހައްޓައިގެން، ދިވެހިރާއްޖެ އަވަށްޓެރި ޤައުމަކަށް ވިއްކާލުމާއި، ސަރުކާރުން ބޭނުންވާހާ ކަންކަން ކުރުމަށް ފުރުސަތު ތަނަވަސްކުރުމުގެ ގޮތުން ކަމަށެވެ. އަދި އެމަނިކުފާނު ދޫކޮށްލައިފިނަމަ މިކަންކަމާ ދެކޮޅަށް އަދި ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ސާބިތު ކަމާއެކު ތެދުވާނެކަން މިސަރުކާރަށް ޔަގީންވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"މި ފުރުސަތުގައި، ނާއިންސާފުން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އެމަނިކުފާނަށް ދެމުންދާ އަނިޔާ ކުށްވެރިކޮށް އެއްވެސް ޝަރުޠަކާނުލާ ، މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް މި ކޯލިޝަނުން ސަރުކާރަށް ގޮވާލަމެވެ" އެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީން ޖަލަށްލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލާގައި އެމަނިކުފާނަށް އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އެ މައްސަލަ މިހާރު އޮތީ އިސްތިއުނާފު މަރުހަލާގައި ހައިކޯޓުގައެވެ.