މައްކާ (20 ޖުލައި) - މިފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރި ހައްޖުވެރިންގެ މެދުގައި އެއްވެސް ކޮވިޑް ކޭސްއެއް ރެކޯޑް ކުރެވިފައި ނެތް ކަމަށް ސައޫދީ އަރަބިއާގެ ސިއްހީ ވުޒާރާއިން ބުނެފި އެވެ.

"ހުރިހާ ހައްޖާޖީންގެ ވެސް ސިއްހީ ހާލަތު މާތް ﷲގެ އިރާދަފުޅުން ރަނގަޅު. އެ މީހުންގެ ތެރެއިން އެއްވެސް ކޮވިޑް ކޭސްއެއް ފެނިފައެއް ނުވޭ،" އެ ވުޒާރާގެ ތަރުޖަމާނު މުހައްމަދު އަލް އަބްދް އަލް އަލީ ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ސައޫދީ އަރަބިއާ އިން ވަނީ ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމަށްވާ ހައްޖުގެ އަޅުކަމަށް މީގެ ކުރިން ކޮންމެ އަހަރަކު ވެސް 2.5 މިލިއަނަށްވުރެ ގިނަ މީހުން ސައޫދީ އަރަބިޔާއަށް އެއްވެ އެވެ. ނަމަވެސް ކޮވިޑް -19ގެ ސަބަބުން ސަރުކާރުން ވަނީ މި އަދަދުތައް ބޮޑުތަކުން ކުޑަކޮށް ހައްޖުވެވޭ މީހުންގެ އަދަދު މިފަހަރު 60،000 ދަށްކޮށްފަ އެވެ. މިދިޔަ އަހަރު ހައްޖުގައި ބައިވެރިވާން މިދިޔަ އަހަރު ވެސް ފުރުސަތު ދިނީ 10.000 މީހުންނަށެވެ.

މިއަހަރުގެ ހައްޖުގައި ބައިވެރިވެވުނީ ސައޫދީ އަރަބިޔާގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންގެ ތެރެއިން 18 އަހަރާ 65 އަހަރާ ދެމެދުގެ ކުރިން ހައްޖެއް ކޮށްފައިނުވާ އަދި ދާއިމީ ބައްޔަކަށް ބޭސްނުކުރާ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށެވެ.

މުޅި ހައްޖުގެ އަޅުކަމުގެ ތެރޭގައި އިޖުތިމާއީ ގައިދުރުކަމާއި މާސްކު އެޅުން ފަދަ ފިޔަވަޅުތައް ލާޒިމުކުރެވިފައިވާއިރު، މަސްޖިދުލް ޙަރަމް ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ސާފުކޮށް ސެނިޓައިޒްކޮށްފަ އެވެ.

ކޮވިޑް -19 ފެތުރުން ކޮންޓްރޯލްކުރަން ސައޫދީއަރަބިޔާގެ ސަރުކާރުން ވަނީ މި އަހަރުގެ ހައްޖު މޫސުމުގައި ޓެކްނޮލޮޖީގެ ބޭނުންކޮށްފަ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ޒަމްޒަމް ފެން ބަހަން ހަރަކާތްތެރިވި އޮޓޮމެޓިކް ރޮބޮޓްތަކެވެ. -- އަލް އަރަބިއްޔާ