އިންޑޮނޭޝިއާގެ އެތެރޭގެ އުދުހުމެއްގައި އަންހެނެއްގެ ނަމުގައި ފިރިހެނަކު ދަތުރުކުރަން އުޅެނިކޮށް ހިފައްޓައި ހައްޔަރުކޮށްފި އެވެ.
މި މީހާ ސިޓި ލިންކް އެއާލައިންގެ ޓިކެޓެއް ނަގާފައި ވަނީ އޭނާގެ އަންހެނުންގެ ނަމުގަ އެވެ. އަދި ފުރަން ދިޔައީ މޫނު ބުރުގާ އަޅައިގެން ފޭކު އައިޑީއެއް ހިފައިގެންނެވެ.
ނަމަވެސް މާ ލަސްތަކެއް ނުވެ އެއާލައިންގެ މުވައްޒަފުންނަށް ވަނީ އެކަން ފަޅާއަރައިފަ އެވެ. އެގޮތުން މަތިންދާ ބޯޓުގެ ފާހާނާ ތެރޭގައި ހެދުން ބަދަލުކުރަނިކޮށް ފްލައިޓް އެޓެންޑެންޓަކަށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ
ޖަކާޓާއިން ފުރައިގެން ޓެރެނާޓަށް ދަތުރުކުރި މި ފްލައިޓްގައި އޮޅުވާލައިގެން ދަތުރުކުރި މި މީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއް ކަމަށާއި ފުރަން ދިޔައިރު އޭނާ ހުށަހެޅި ޕީސީއާރު ޓެސްޓަކީ ވެސް ފޭކު ލިޔުމެއް ކަމަށް ފުލުހުން އިތުރަށް ބުންޏެވެ.
އެ މީހާ މިވަގުތު ހުރީ އޭނާގެ ގޭގައި ކަރަންޓީނު ވެގެން ކަމަށާއި މި ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެ އެވެ.
އަޟްހާ އީދާ ގުޅިގެން އިންޑޮނޭޝިއާގައި އަޅާފައިވާ ކޮވިޑް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާތީ އޮޅުވާލައިގެން، ފިޔަވަޅުތަކާ ޚިލާފުވުމަށް ގިނަ ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.