ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް އެއް މަސް ފުރުނުއިރު، މިއަދު އެކަނި ވެސް 199 މީހުން ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޖުލައި މަހުގެ ތެރޭގައި ކޮވިޑް ފެތުރުން ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން އޮގަސްޓް އެއްވަނަ ދުވަހުން ފެށިގެން ވަނީ ރޭގަނޑު 10ން ފަތިހު 5އާ ދެމެދު ބޭރުގައި އުޅުން މަނާކޮށްފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ވަނީ ރޭގަނޑު 8ން ފަތިހު 5އާ ދެމެދު ވެހިކަލް ދުއްވުން ވެސް މަނާކޮށްފަ އެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު އިރުއޮއްސި 6:00 އާ ހަމަޔަށް 145 ދިވެހިން ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. މީގެ އިތުރުން 42 ބަންގްލަދޭޝް މީހުންނާއި، އިންޑިއާ ފަސް މީހަކާއި ސްރީލަންކާގެ ތިން މީހަކާއި އެމެރިކާގެ ދެ މީހަކާއި ޗައިނާ މީހެއް އަދި ޖަޕާނު މީހެއް ވެސް ހިމެނެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 8،003 އަށް އިތުރުވެފަ އެވެ. މިއާއެކު އެކްޓިވް ކޭސްގެ އަދަދު ވަނީ 2،703 އަށް އިތުރުވެފަ އެވެ. އަދި ހޮސްޕިޓަލްތަކުގައި 162 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ބަލި މިހާރު 41 ރަށަކާއި 16 ރިސޯޓެއްގައި ޖެހިފައިވާ މީހުން އެބަތިއްބެވެ. ރިސޯޓުތަކުގައި ތިބި މީހުންގެ ތެރެއިން 29 މުވައްޒަފަކާއި 16 ޓޫރިސްޓުން ހިމެނެ އެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދާ ހަމަޔަށް 5،265 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.