އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައިފި އެވެ.

ޝާހިދު ބައްދަލުކުރައްވާފައި ވަނީ އިންޑޮނީޝިއާ އަދި މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ހައިކޮމިޝަނަރުންނާއި ލާއޯސް، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް އިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އެމްބެސެޑަރުންނާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއާއި އާސިއާންގެ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރާއި ސަފީރުން ހިއްސާ ކުރެއްވި ކަމަށެވެ. އަދި ރާއްޖެއާއި އާސިއާންގެ ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުން ބަދަހިކުރުމާއި، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށް ފޮރިން މިނިސްޓްރީން ވުންޏެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

އެ މިނިސްޓްރީން ބުނީ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.