ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި، އަލަށް އުފައްދަވާ ޕާޓީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ"ގެ ލޯގޯ ދައްކާލައިފި އެވެ.

"މޯލްޑިވްސް ނޭޝަނަލް ޕާޓީ"ގެ ރަސްމީ ލޯގޯ އާއި ކުލަ އާއްމުކުރީ އެ ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުންނެވެ.

ނާޒިމް އިސްވެ އުފައްދާ މި ޕާޓީގެ މަސްއޫލުވެރިޔާއަކީ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމް އާ އާއިލީ ދެބެންގެ ދެދަރި އަހުމަދު އުޝާމްއެވެ.

މިމަހުގެ 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުންވަނީ ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އުޝާމް އަށް ދީފަ އެވެ.

މި މެމްބަރުންގެ އިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ވެސް ވަނީ މި ޕާޓީއަށް ސޮއިކުރައްވާފައިވެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި އުފައްދާ އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވި ޕާޓީގެ ހަރަކާތް މާދަމާ ފެށިގެންދާނެ ކަމަށެވެ. އެގޮތުން ޕާޓީގެ ހަރަކާތްތައް ފެށުމުގެ ގޮތުން ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.