ނަމާދުގެ ހުކުމުތައް ދަންނަ، ޝަރުއީ ގޮތުން ބާލިޣު ވެފައިވާ އުމުރުން 13-15 އަހަރުގެ ކުދިން އެކަން ކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މިސްކިތުގައި ކުޑަކުދިން އިމާމުވެ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގަވާފަ އެވެ.

މިކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބާލިޣުވެފައިވާ ކުޑަކުދިންނަށް މިސްކިތުގެ ޖަމާއަތްތަކުގައި އިމާމުވެ ނަމާދު ކުރުމަށް ފުރުސަތު ދިނުމަކީ އެކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި އިތުރުވާނެ ކަމެއް ކަމަށާއި، އަދި އެއީ ދީނީގޮތުން މައްސަލައެއްވެސް ނޫން ކަމަށެވެ.

"ޚާއްސަކޮށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ، ހިތުދަސް ކުދިންނަށް އެ ފުރުސަތު އޮތުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ކަމެއް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ޒުވާން އުމުރުގައި ވެސް މިސްކިތުގައި އެގޮތަށް އިމާމުވެ ނަމާދު ކުރެއްވިކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ އިމާމުންގެ ވަކި ފާހެއް އޮންނަން ޖެހުނު ނަމަވެސް އިސްލާމީ އުސޫލަކީ ރީތިކޮށް ކިޔަވާ ކުޑަކުދިންނަށް ވެސް އިމާމުވެ ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

ހަމައެއާއެކު މިސްކިތުގެ ކުރީ ސަފަކީ އަވަހަށް އެތަނުގައި އިށީންނަ މީހާގެ ހައްގެއް ކަމަށާއި، ހަތް އަހަރު ވެފައިވާ ކުއްޖަކު ކުރީސަފުގައި އިށީނުމުން އެ ކުއްޖާ އެތަނުން ނަގައިގެން ނުވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"ކުޑަކުދިންނަށް މިސްކިތްތަށް ލޯބި ޖެއްސުމާއި، މިސްކިތުން އެކުދިން ބަލައިގަންނަކަން އެކުދިންނަށް އިހުސާސް ވާންޖެހޭނެ. ސުންނަތަކީ ކުޑަކުދިންނަށް މިސްކިތުން ލޯތްބާއި، އިޚުތިރާމު ދިނުން. އެކުދިންނަކީ ޖަމާއަތުގަ ބައިވެރިންކަމުގައި އިހުސާސްވުން،" ޝަހީމް ވިދާޅުވި އެވެ.

ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލައެއް ފެތިވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ ބެލިއިރު، އެއީ އިމާމް ކަމުގެ ކޯސް ހަދަމުންދާ ކުދިންތަކެއް ކަމަށް އެނގިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދަސްކޮށްދިނުމުގެ ބޭނުމުގައި ވެސް ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވޭނެކަން މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި މިސްކިތުގައި ޖަމާއަތުގައި އިމާމުވެ ނަމާދު ކުރާ ގުޅޭ ގޮތުން ހުރިހާ ރަށްތަކަށް ސާކިއުލާއެއް ފޮނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.