މިސްކިތްތަކުގައި އުމުރުން 18 އަހަރުން ދަށުގެ ކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދުނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލައެއް ފެތިވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ ބެލިއިރު، އެއީ އިމާމް ކަމުގެ ކޯސް ހަދަމުންދާ ކުދިންތަކެއް ކަމަށް އެނގިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދަސްކޮށްދިނުމުގެ ބޭނުމުގައި ވެސް ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވޭނެކަން މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި މިސްކިތުގައި ޖަމާއަތުގައި އިމާމުވެ ނަމާދު ކުރާ ގުޅޭ ގޮތުން ހުރިހާ ރަށްތަކަށް ސާކިއުލާއެއް ފޮނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބުނާގޮތުން މިސްކިތުގައި އިމާމުވެ ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާއެކު އެވެ. އެ ނޫން ފަރާތްތަކުން އިމާމުވެ މިސްކިތްތަކުގައި ނަމާދުކުރުމަކީ މަނާކަމެކެވެ.