އެތައް ގަރުނެއް ވެފައިވާ މިނިކަށިތަކަކާއި ޖަނަވާރު ކަށިތަކެއް ސައޫދީ އަރަބިއާގެ ހުޅަނގު އުތުރު ހޮހޮޅައަކުން ސައިންސްވެރިން ހޯދައިފި އެވެ.

ސައިންސްވެރިން އާއްމުކުރި ދިރާސާއެއްގައި ވާގޮތުން މި ކަށިތަކަކީ ސްޓައިޕްޑް ހަޔެން ނަމަކަށް ކިޔާ ޖަނަވާރެއް އެ ސޮރުމެންގެ ކުދި ދަރިންނަށް ކާން ދިނުމުގެ ގޮތުން 7،000 އަަހަރު ދުވަހުގެ މަތިން އެ ހޮހޮޅައަށް އެއްކޮށްފައިވާ ކަށިތަކެކެވެ.

މި ކަށިތައް ފެނިފައިވަނީ ސައޫދީ އަރަބިއާގެ އުއްމް ޖިރްސާން ނަމަކަށް ކިޔާ 1.5 ކިލޯމީޓަރު ދިގު ހޮހޮޅައަކުންނެވެ. ހޯދިފައިވާ ކަށިތަކުގެ ތެރޭގައި މިނިކަށީގެ އިތުރުން ކަންބަޅި، އަސް، ޖަމަލު އަދި މީދާ ފަދަ ޖަނަވާރުތަކުގެ ކަށި ހިމެނެ އެވެ.

އެހާ ގިނަ ދުވަސްތަކެއް ވަންދެން ރައްކާތެރިކަމާއެކު ކަށިތައް ހޮހޮޅައިން ފެނުމުން އެނގޭ ކަމަކީ އެ ހޮހޮޅައަކީ ރައްކާތެރިކަމާއެކު ގިނަ ދުވަސްތަކެއް ވަންދެން އެއްޗެހި ބެހެއްޓޭނެ ތަނެއްކަން ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.

މި ހޯދުންތަކަކީ ސައޫދީ އަރަބިއާގެ ތާރީޚާއި ސަގާފަތަށް އިތުރު މުއްސަނދި ކަމެއް ގެނެސްދޭނެ ހޯދުންތަކެއްކަން ފާހަގަކުރަމުން ދިރާސާގައި އިތުރަށް ބުނެފައިވަނީ އުއްމު ޖިރުސާން ފަދަ ސަރަހައްދުތަކަކީ ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހޭ ތަންތަން ކަމަށެވެ.