ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޙްމަދު އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލައި އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހާމަކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އޭނާއަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކޮށް ނޫސްވެރިޔާ އަޒާން ރޭ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރޭ 20:42 ހާއިރު ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޒާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކޮށް އޭނާ އެ ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި ފަހަކަށްއައިސް އޭނާއަށް ސޯޝަލް މީޑިއާގައާއި އެހެނިހެން ގޮތްގޮތުންވެސް މަރުގެ އިންޒާރާއި، އެކިކަހަލަ ފުރައްސާރަ ކުރުމުގެ އަމަލުތަކާ ކުރިމަތިލާންޖެހިފައިވާކަމަށް އޭނާ ވަނީ މައުލޫމާތު ދީފައި ކަމަށް އެ ބަޔާނުގައިވެ އެވެ.

"މިއީ މިކައުންސިލުން ނުހަނު ކަންބޮޑުވާކަމެކެވެ. މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެގޮތުގައި މިކައުންސިލުން ނުދެކެމެވެ. ސަބަބަކީ މީގެކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ޙަމަލާތަކުގެ ޝިކާރައަކަށް ވެފައިވެސް ވާތީއެވެ،" މީޑިއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.