ޑީއާރުޕީގެ ލީޑަރު އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ގެ ކޮޅު މއ.ކިނބިގަސްދޮށުގެއަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މައުމޫނަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދަައްކާފައި ނުވާތީ އޭގެ ބަދަލުގައި މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ އާ ހަވާލުވުމަށް ކަމަށް ބުނެ އެ ސަރަހައްދުގައި ހަރަކާތެރިވި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ކިނބިގަސްދޮށުގޭގެ ކުރިމަތީގައި ހުންނަވައިގެން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް މައުމޫން ކިނބިގަސްދޮށުގެ މޯގޭޖްކުރުމަށްފަހު ޖާބިރުގެ އަތުން ނެންގެވި ލޯނު އަދާކޮށްފައި ނުވާތީ އޭނާ ހުންނެވީ އެގެއާ ހަވާލުވާން އައިސް ކަމަށެވެ.

ފުލުހުން މި މައްސަލައާ ގުޅިގެން ބުނީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށާއި، ނަމަވެސް އެފައިސާ އަނބުރާ ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. މީގެކުރިން ވެސް ޖާބިރު ވަނީ ރައީސް މައުމޫން އޭނާގެ އަތުން މިލިއަނުން ފައިސާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ފުލުހަށާއި ކޯޓަށް ވެސް މައްސަލަ ހުށައަޅުއްވާފަ އެވެ. ނަމަވެސް ފަހުން ކޯޓުން މައްސަލަ ނެންގެވީ ވެސް އޭނާ އަމިއްލައަށެވެ.

އަދި އޭގެ ފަހު އެމައްސަލަ މައުމޫނާއި ދެކޮޅަށް ޖާބިރު ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހެޅުއްވި އެވެ. އެކަމަކު، ޖާބިރު ކުރެއްވި އެ ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.

މިކަމާ ގުޅިގެން ރައީސް މައުމޫން މީގެ ކުރިން ވިދާޅުވެފައި ވަނީ ޖާބިރު އަތުން ލާރި ނަގާފައި ނޯންނާނެ ކަމަށެވެ. އަދި ޖާބިރު ކުރާ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވާފަ އެވެ.