ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ހައްޔަރުކޮށްފައިވާތީ އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން އޭނާ ސަސްޕެންޑުކޮށްފި އެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލާގައި ވަކިގޮތެއް ނިމެންދެން ޕީއެންސީގެ އަސާސީ ގަވާއިދުގެ 17 ވަނަ މާއްދާ އާއި 18 ވަނަ މާއްދާގެ (ށ) ގެ 2 އަށް ރިއާޔަތްކޮށް، އަދި ޕީއެންސީގެ ހިންގާ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ 2 އަށް ރިއާޔަތްކޮށް ކައުންސިލް މެމްބަރުކަމުން ޝަހީބު ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ޝަހީބަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވިލިނގިލި ދާއިރާއަށް ވާދަކުރެއްވި ފަރާތެކެވެ. މަސްތުވާތަކެތީގެ މައްސަލާގައި އޭނާގެ އިތުރުން އިތުރު ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ޝަހީބަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި ޝަހީބާ ޖާމިނުކޮށް، އީރާން ހަތް މީހުން ވެސް ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި ކަމަށް ވެސް ފުލުހުން ބުންޏެވެ.