ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ނުކުރާ ބައެއް ޓީޗަރުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.

މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުރިހާ ޓީޗަރުން ކޮވިޑް ވެކްސިން ޖެހުމަށް އަންގަވާފަ އެވެ. އަދި ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތައް ސްކޫލުތަކަށް ވަނުމަށް ވެސް މިނިސްޓްރީއިން ވަނީ މަނާކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ފަސް ޓީޗަރަކު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވަނީ އެ މުވައްޒަފުންނާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅެންދެން ކަމަށެވެ. ނަމަވެސް ޓީޗަރުން އެކަހެރިކޮށްފައިވަނީ ކޮން ސުކޫލުތަކަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފަށާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ހާއްސަ ވެކްސިން ޕްރޮގްރާމެއް މިދިޔަ ހަފްތާގައި ފަށާފަ އެވެ. އަދި މި ހަފްތާތެރޭ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން ފެށިގެންދާނެކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ވެކްސިން ޖެހުމަށް ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މީގެ އިތުރުން ވެސް، ވެކްސިން ނުޖަހާ މީހުންނަށް އެކި ހިދުމަތްތަކުގައި ދަތިވާ ގޮތަށް ވަނީ އުސޫލުތައް ހަދަން ފަށައިފަ އެވެ.