13 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ކުއްޖާގެ މަރާ ގުޅޭ މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ މީހުން މިހާރު ހޯދިފައިވާ ކަމަށެވެ. ތަހުގީގީ މަރުހަލާއިން އިތުރު ބަޔަކު ފާހަގަވެފައި ނުވާ ކަމަށާއި އެހެންކަމުން އިތުރު ބަޔަކު އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ ދެ މީހަކަށެވެ. އެއީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27) އަދި 17 އަހަރުގެ ކުއްޖެކެވެ.

ޕްރޮސެކިއުޓަރު ޖެނަރަލް ޝަމީމް ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ޒީހާންގެ މައްޗަށް 7 ބާވާތެއް 13 ދައުވާއެއް އުފުލަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާ ވެސް ހިމެނެ އެވެ.

ޝަމީމް ވިދާޅުވީ އެ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައިގައި 17 އަހަރުގެ ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. އަދި މިމައްސަލައިގައި ވީއެންމެ އަވަހަކަށް ޝަރީޢަތް ކުރިއަށްގެން ގޮސް ނިންމާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މި ދެ މީހުންގެ މައްޗަށް ވެސް މައްސަލަ ސާބިތުވާވަރުގެ ހެކި އެބަހުރިކަ މަށެވެ. އަދި މި މައްސަލައިގައި އާއްމުންގެ ފަރާތުން ލިބުނު އެހީތެރި ކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"މި މައްސަލައަށް ބަލާއިރު ރަނގަޅަށް ހެކިބަސް ލިބޭ ގިނަ ދައުވާތައް ސާބިތުކުރާން. އަޅުގަނޑުމެން ބޭނުންވަނީ ތަގުވާވެރިން ނޫނީ މުދިމުން ހެކިންގެ ގޮތުގަ ގެންނަން. އެކަމަކު އަޅުގަނޑު މިދަންނަވަނީ ކުށްކުރާން އުޅެނީ މީހުންނޭ. ކުށްކުރާ މާހައުލުގައި އުޅޭނީ ކުށްކުރާ މީހުނޭ. އެހެންވީމަ ހެކިން ގޮތުގައި ވެސް ތިބޭނީ ކުށްކުރާ މީހުން ނުވަތަ ކޮންމެވެސް ވަރަކަށް އެކަހަލަ ކަންކަމަކުގައި އުޅެފަ ތިބި މީހުން،" ޝަމީމް ވިދާޅުވި އެވެ.

މަރާލުމަށްފަހު ހުޅުމާލޭ ފޭސް ދޭއްގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ. އަދި ޕޯސްޓްމޯޓަމް ނަތީޖާއިން ވެސް ހެކި ލިބިފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ވިދާޅުވި އެވެ.

އުމުރުން 13 އަހަރުގެ މިކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރެވެ.

އެ ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދާ ދިމާލުންނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފަ އެވެ. މި ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ އެކުއްޖާގެ މޫނު ވަކިނުކުރެވޭ ވަރަށް މޫނު ވަރަށް ބޮޑަށް ޒަޚަމްކޮށްލުމަށްފަހު ކަމަށްވެ އެވެ.