މި ފަހަރުގެ ދިރާސީ އަހަރު ފެށިއިރު ކުދިންނަށް ހަމަކޮށް ނުދެވުނު ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީ އާ އަހަރު ފެށުނުއިރު ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ހަމަވެފައިނުވާތީ، ބެލެނިވެރިން ދިޔައީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ދަރިވަރުންނަށް ހާޑް ކޮޕީ ލިބިފައި ނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީ އަށް ލިބިފައި ކަމަށެވެ. އަދި އެ ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮތްތައް ހަމަނުވުމުގެ އިތުރުން ދިރާސީ އާ އަހަރު ފެށުނުއިރު، ބައެއް ސްކޫލްތަކުގައި ޓީޗަރުން ހަމަނުވާ ކަމުގެ ކަންބޮޑުވުން ވެސް ބެލެނިވެރިން ފާޅުކޮށްފައިވެ އެވެ.

މިއަހަރުގެ ދިރާސީ އާ އަހަރު ފެށުނުއިރު، ހިނގި ތާފާތު ކަމަކީ ހދ. ހިރިމަރަދޫ ސްކޫލްގެ ޓީޗަރުންގެ ފެންވަރު ދަށް ކަމަށް ބުނެ ބެލެނިވެރިން ކުދިން ސްކޫލަށް ނުފޮނުވުމެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ހައްލު ކުރަން އެ ސްކޫލަށް އާ ޕްރިންސިޕަލަކު ހަމަޖައްސާފަ އެވެ.