ކޮންމެ މުޖުތަމެއްގައި ގިނަ އަދަދަކަށް އެކަނިވެރި މައިން އަބަދުވެސް އުޅެ އެވެ. އެއީ އަދަދުން ގިނަވި ނަމަވެސް ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވެފައިވާ ބައެކެވެ.

ދަރިން ބަލަމުން ދިރިއުޅުމުގެ ހުރިހާ ކަމެއް ބަލަހައްޓާ އަންހެނުން އެ މީހުންގެ އަމިއްލަ ސިއްހަތާއި ދުޅަހެޔޮކަމަށް ފަރުވާތެރިވުމަކީ މުހިއްމު ކަމެކެވެ. ރަނގަޅު ގޮތުގައި ދަރިން ބެލޭނީ އޭރުން ކަމަށް ވާތީ އެވެ. މި ލިޔުމުގައި މި ބަލާލަނީ މުޖުތަމައުގެ އެކަނިވެރި މައިންގެ ވިސްނުން ބަހައްޓަންވީ ބައެއް ކަންކަމަށެވެ.

އަމިއްލަ ސިއްހަތަށް ފަރުވާތެރިވުން މުހިއްމު!

ދަރިންގެ ކަންކަމުގައި މަސްއޫލުވެ އުޅެ، ތިމާގެ އަމިއްލަ ސިއްހަތާ މެދު އިހުމާލު ނުވާށެވެ. ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އުނދަގުލެއް ކުރިމަތި ވާނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދާށެވެ. ދަރިން ރަނގަޅަށް ބެލޭނީ ތިބާ ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ހުރެގެންނެވެ. ތިބާގެ ސިއްހަތަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު ތިބާގެ ދަރިންނަށް ކުރާނެތީ އެވެ.

އަމިއްލަ ނަފްސަށް ތުހުމަތު ކުރުން ހުއްޓާލާ!

ތިބާގެ ޒަވާޖީ ހަޔާތް ނިމުމަކަށް އައުމަކީ ހަމައެކަނީ ތިބާ ޒިންމާވާން ޖެހޭ ކަމެއް ނޫނެވެ. އެހެނީ އެ ހަޔާތް ރޫޅުމަކީ ތިބާގެ ދަރިންނަށް ތިބާ ދިން އަނިޔާއެއް ވެސް ނޫނެވެ. ހިތްހަމަ ނުޖެހޭ ހަޔާތެއްގައި ދެމަފިރިއަކު އުޅެ، ތަރުބިއްޔަތު ކުރާ ދަރިންނަށް ކުރާ ނޭދެވޭ އަސަރު ބޮޑުވާނެ އެވެ.

އެހީއަށް އެދެން ފަސް ނުޖެހޭތި!

އެހީއަށް އެދުމަކީ ގޯހެއް ނޫނެވެ. ދަރިން ބެލުމުގައި ތިބާގެ ގާތް މީހުންގެ އެހީ ހޯދުމަށް ފަސް ނުޖެހޭށެވެ. އެ މީހުންގެ އެހީއަށް އެދިގެން ވެސް ތިބާގެ އަމިއްލަ ނަފްސަށް ބޭނުންވާ ވަގުތު ހޯދާށެވެ. އެއީ ތިބާގެ ނަފްސާނީ ދުޔަހެޔޮ ކަމަށް މުހިއްމު ކަމެކެވެ.