މާލެ ސަރަހައްދުގައި ފެނާއި ނަރުދަމާ ހިދުމަތްދޭ އެމްޑަބްލިއުއެސްސީގައި ބޮޑު ވައްކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ އެ ކުންފުނީގެ ގުދަނުގައި ހުރި ބައެއް ތަކެތި މަދުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިންޓާނަލް އޮޑިޓެއް ވެސް ހަދާފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި އެމްޑަބްލިއުއެސްސީގެ ދެ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި މި މައްސަލަ މިހާރު ވަނީ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.

މި މައްސަލަ އަމިއްލަ ފަރާތަކުން ވަނީ އޭސީސީއަށް ވެސް ހުށަހަޅައިފަ އެވެ.

އޭނާ ހުށަހަޅާފައިވާ ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި ވައްކަމުގެ ތުހުމަތުކުރެވޭ އެކަކު ވަނީ ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ގުދަނުން މާލޭގެ ގުދަނަށް ގެންގޮސް ބައެއް ތަކެތި އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށް، އަދި ވިއްކައި ހަދައިފަ އެވެ. އޭގެ އިތުރުން، ރިޒަވޭޝަން ހަދައިގެން ނަގާ ވޯކިން ކްލޯތުގެ އިޝޫ ނޯޓާއި ރިޒަވޭޝަނުގައިވާ އަދަދު އުނި އިތުރުކޮށްފައިވާއިރު، ސޭފްޓީ ބޫޓު އެއްޗެހި ވެސް އެ މުވައްޒަފު ވިއްކާފައިވާ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ގޮސްފައިވާ ހިސާބެއް އަދި ސާފެއް ނުވެ އެވެ