ސްކޫލްތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ، އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށް އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން އެކުލަވައިލި މޭ ހައެއް ކޮމިޓީން ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި، އެ ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކުރައްވައި ސްކޫލް ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް މިންވަރާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ސްކޫލް ކުދިންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަން އެ މިނިސްޓްރީން ހާމަކުރި ކަމަށް އަފީފް ވިދާޅުވި އެވެ. އެގޮތުން ރަށްރަށުގައި ހަރުކަށި ފިކުރަށް ހެއްލޭ ބައެއް ކުދިން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުދިންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ސްކޫލްތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން މިހާރު ދެނެގަނެވިފައިވާ ކަމަށާ، މިގޮތުން އެ ފިކުރަށް ކުދިން ލެންބުމަށް ނިކަމެތި ދިރިއުޅުން އުޅޭކުދިންނަށް ޓާގެޓް ކުރާކަން ވެސް ދެނެގަނެވިފައިވާ ކަމަށެވެ.

އަފީފް ވިދާޅުވީ، އިސްލާމް މާއްދާގައި ހުރި ނަފްރަތު އުފައްދާފަދަ ބައިތައް އެ މާއްދާއިން އުނިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށާއި، އެފަދަ ފިކުރުތައް ހުއްޓުވުމަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްކޫލް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތައް ހުރި ބައިތައް ބަލައި ތަޢުލީމީ މަންހަޖަށް ބަދަލުގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. އަދި މިނިސްޓްރީން އެބަ ވިސްނާ ވަޑައިގަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްދެން ކުދިންނަށް އުނގަންނައިދިނުމަށް،" އަފީފް ވިދާޅުވި އެވެ.

އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމަށް މަސައްކަތްކުރާކަމަށް ހާމަކޮށްފައިވާއިރު، މީގެ ކުރިންވެސް އިސްލާމް އަދި ޢަރަބި ކިޔަވައިދޭއިން އިންޑިއާއިން ޓީޗަރުން ގެންނަ މައްސަލަ ހޫނުވެފައިވެ އެވެ.

މީގެ އިތުރުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިކަމާ ގުޅިގެންވެސް ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.