އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ އިން ބޭރުން އިސްލާމް ޓީޗަރުން ގެނެސްގެން ކިޔަވައި ދިނުމަށް ކޮންމެވެސް ވަރަކަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް ވިދާޅުވެ، އެ މިނިސްޓްރީއާ ހަވާލާ ދެއްވައި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ދެއްކި ވާހަކަތައް ދޮގު ކުރައްވާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމް މުގައްރަރު އެކުލަވާލާފައި ވަނީ ދިވެހި ބަހުން ކަމަށް ވާތީ އެ މާއްދާ ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއިން އެކުލަވާލި ރިކޮމެންޑޭޝަންތަކުގެ ތެރެއިން، އެ މިނިސްޓްރީއާ ގުޅޭ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު "މެއި 6 ކޮމިޓީ" އިން މިނިސްޓްރީއާ ބައްދަލުކޮށް، ދެކެވުނު ވާހަކަތަކުގެ ތެރޭގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

"އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކުރެވިފައި ވަނީ ދިވެހި ބަހުން ކަމަށް ވެފައި އަދި އެ މާއްދާ ކިޔަވައި ދެއްވުމަށް ތަމްރީނު ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި ތިއްބެވުމުން އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައިދިނުމަށް މި މިނިސްޓްރީން ވިސްނާފައި ނުވާ ކަމުގައި ދެންނެވީމެވެ،" ބަޔާނުގައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން އެކުލަވައިލި މޭ ހައެއް ކޮމިޓީން އިއްޔެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި، އެ ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު އަފީފް ވިދާޅުވީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ސްކޫލް ކުދިންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަން އެ މިނިސްޓްރީން ހާމަކުރި ކަމަށް އަފީފް ވިދާޅުވި އެވެ. އެގޮތުން ރަށްރަށުގައި ހަރުކަށި ފިކުރަށް ހެއްލޭ ބައެއް ކުދިން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުދިންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓަރާއި ހަވާލާދީ އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވިގޮތުގައި، ސްކޫލްތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން މިހާރު ދެނެގަނެވިފައިވާ ކަމަށާ، މިގޮތުން އެ ފިކުރަށް ކުދިން ލެންބުމަށް ނިކަމެތި ދިރިއުޅުން އުޅޭކުދިންނަށް ޓާގެޓް ކުރާކަން ވެސް ދެނެގަނެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އިސްލާމް މާއްދާގައި ހުރި ނަފްރަތު އުފައްދާފަދަ ބައިތައް އެ މާއްދާއިން އުނިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށާއި، އެފަދަ ފިކުރުތައް ހުއްޓުވުމަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.