"ޕްރޮމޯޓިން ރެޒިލިއަންސް އިން ދި-މޯލްޑިވްސް ޕްރައިމް" ޕްރޮޖެކްޓުގެ ނަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއެކު އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ އެއްބަސްވުން ހާމަކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މި އެއްބަސްވުން ހާމަކޮށްފައިވަނީ ގިނަ ބަޔަކު އެއްބަސްވުން ހާމަކުރުމަށް ގޮވާލަމުން ދަނިކޮށްށެވެ. އަދި މިކަމާ ގުޅިގެން ގިނަ ބަޔަކުގެ ފާޑުކިޔުން އެޑިއުކޭޝަން މިނިސްޓްރީ އާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮގުރާމްގެ އެއްބަސްވުމުގައި ބުނެފައިވަނީ ސުކޫލުތަކުގައި ދަރިވަރުން ހަރުކަށި ފިކުރަށް ދިއުމުގެ ހިރާސް ހުރި މިންވަރު ވަޒަންކުރާ ނިޒާމުތައް ހަރުދަނާކުރާނެ އެވެ. އަދި އެފަދަ ހިރާސް މެނޭޖުކޮށް އެކަށީގެންވާ މުނާސަބު ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމުގައި އެހީތެރިވާނެ ކަމަށް ބުނެފައިވެ އެވެ.

ތިން އަހަރުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި ބެލެނިވެރިންނަށް ޚާއްސަ ތައުލީމީ ޕްރޮގުރާމެއް އެކުލަވައިލާ އިޖުތިމާޢީ މައްސަލަތައް ދެނެގަނެ ހައްލުކޮށް އެކަންކަމާމެދު މުވާސަލާތުކުރާނެ ގޮތުގެ ހުނަރުތައް ބެލެނިވެރިންނަށް ފޯރުކޮށްދިނުމަށް މި ޕްރޮގުރާމުގެ ދަށުން މަސައްކަތްކުރާނެ އެވެ.

ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނެ އެވެ. އަދި ދެ ފަރާތުގެ މެދުގައި ވަސީލަތްތައް ހިއްސާކޮށް ޤާބިލުކަން އިތުރުކުރުމަށް ބާއްވާ ސެޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމާއި، ތަފާތުތައް ބަލައިގަތުން އުނގަންނައިދިނުމަށް ޚާއްޞަކޮށް އިތުރު ހަރަކާތްތައް ހިންގައި ސުކޫލުތަކުގެ ކުލަބުތައް މެދުވެރިކޮށް ހަރަކާތްތައް ހިންގާނެ އެވެ. އަދި ފުޅާ ދާއިރާއެއްގައި މި އެއްބަސްވުމުގެ އަމާޒުތައް ހާސިލުކުރުމަށް ދެ ފަރާތަށް ފައިދާވާ ކަންކަމުގައި އެކީގައި މަސައްކަތްކުރުމަށްވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.