އަންނަ މަހުގެ ފަނަރަ ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރުން މަނާކޮށްފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނީ މާލެ ސިޓީއިން މާލޭގެ މަގުމައްޗަށް ކުނި ނެރުން މަނާކުރުމާ ގުޅިގެން އަންނަ މަހުގެ 15 އިން ފެށިގެން މަގުމައްޗަށް ކުނި ނުނެރުމަށާއި ވެމްކޯ މުވައްޒަފުން ގޭބިސީގެ އެންމެ ތިރީ ބުރިން ކުނި ނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެ ދުވަހުން ފެށިގެން ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 6 އިން 7 އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވެމްކޯއިން ބުނެ އެވެ.

މާލޭ ސަރަޙައްދުގައި ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑިއަށް ބަދަލުގެންނަން ނިންމާފައިވަނީ މި ސަރަހައްދުގައި ކޯވިޑްގެ ޙާލަތު ރަނގަޅުވަމުން އަންނާތީ، އެކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަންނަ މަހުގެ 15 އިން ފެށިގެން ގެނެވޭ ބަދަލާއެކު ވެސް ވެމްކޯއިން ޚިދުމަތްތަށް ފޯރުކޮށްދޭނީ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށް ވެމްކޯއިން ބުންޏެވެ. އަދި ކުނި ނަގާ ގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިހާލަތުގައި ވެސް ރައްކާތެރި ގޮތުގައި ކުނި ބަންދުކުރުމަށާއި، އެންގިފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓާ ނުކުރާ ގޭބިސީތަކުން ވީހާ ވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން އިލްތިމާސްކޮށްފައިވެ އެވެ.

މާލެ ސަރަހައްދުގައި ވެމްކޯގެ މުވައްޒަފުން ކުނި ބަލާ ދާނީ ރޭގަނޑު 8 އިން 11 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި ކުނި ނަގަން ގޭގެއަށް ވަންނާނީ ހަމައެކަނި ރަޖިސްޓާ ކޮށްފައިވާ ގޭބިސީތަކަށް ކަމަށް އެކުންފުނިން ބުންޏެވެ.