ކޮވިޑް ޖެހިފައިވާ މީހުން ދެނެގަންނަން އެޗްޕީއޭ އާއި މޯލްޑިވްސް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިއަށްގެންދާ އެންޓިބޮޑީސް ޓެސްޓްކުރާ ސީރޯ ޕްރިވެލަންސް ސާވޭ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

މިއީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް ޕަސެންޓްތޯ ދެނެގަނެ، ކޮވިޑް އިތުރަށް ފެތުރިގެންދާ ބާރުމިނާއި ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސާވޭއެކެވެ.

"މި ސާވޭއަށް މިހާތަނަށް އަޅުގަނޑުމެންނަށް ފުދޭވަރަކަށް އެއްބާރުލުން ލިބެމުންދަނީ. 17 އަހަރުން ދަށުގެ އުމުރުފުރާގެ ސާވޭ ހަފްތާއަކުން ނިންމާލެވޭނެ. އަދި މުޅި ސާވޭ 4 ހަފްތާތެރޭގައި ނިންމާލެވޭތޯ މަސައްކަތްމިކުރަނީ،" ޔުނިވާސިޓީގެ ޑީން އޮފް ރިސާޗް ޑރ. ރަހީމާ އަބްދުއްރަހީމް ރޭ ވިދާޅުވި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޔޫގެ ޑީން އޮފް ރިސާޗް ޑރ. ރަހީމާ އަބްދުއްރަހީމް ވާހަކަދައްކަވަނީ. ފޮޓޯ: އެޗްއީއޯސީ

އެމްއެންޔޫއިން ބުނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ސާވޭގައި މިހާރު ފަށާފައިވަނީ އެންމެ ހަނގު އުމުރުފުރާ، 17 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ ސާވޭއެއް ކަމަށެވެ. މި ސާވޭ ހަފްތާއެއްގެ ތެރޭގައި ނިންމާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އެ ޔުނިވާސިޓީން ބުނީ މިއީ އެންޓި ބޮޑީ ޓެސްޓަކަސްވުމުން މި ސާވޭގައި ޓެސްޓް ހަދާނީ އާންމުކޮށް ލޭގެ ޓެސްޓް ހެދުމަށް ބޭނުންކުރާ މިންވަރަށްވުރެ މަދުން ލޭ ނަގައިގެން ކަމަށާއި ލޭ ނަގާނީ ރެޕިޑް ރެސްޕޮންސް ޓީމުން ކަމަށެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ރަހީމާ ވިދާޅުވީ 17 އަހަރުންދަށުގެ އުމުރުފުރާގެ ސާވޭ ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާ ސްކޫލްތަކާއި ގުޅިގެން ކަމަށެވެ. އަދި މި ސާވޭގައި ލޭ ނެގުމަށް ކުދިންގެންދަނީ އެ ކުއްޖަކު ދިރިއުޅޭ ސަރަހައްދަކާ އެންމެ ކައިރީގައި ހުންނަ ސްކޫލަކަށް ބެލެނިވެރިޔާއާ އެކު ކަމަށް ޑރ. ރަހީމާ ވިދާޅުވި އެވެ.

އެޗްޕީއޭ އާއި ނެޝަނަލް ޔުނިވާސިޓީން ކުރިޔަށް ގެންދާ އެންޓިބޮޑީސް ޓެސްޓް މާލޭގެ ސްކޫލެއްގައި ކުރިޔަށް ގެންދަނީ. ފޮޓޯ: އެޗްޕީއޭ

މާލެ ސަރަހައްދުގައި އެންޓިބޯޑީސް ޓެސްޓް ހަދަން ފަށާފައިވާއިރު ކޯވިޑް-19ގެ ހާލަތުގައި ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ އެޗްޕީއޭއިން މެޑްޓެކް މޯލްޑިވްސްއަށް ވަނީ ދީފަ އެވެ. މި ޓެސްޓް ހަދަންވާނީ ކޯވިޑްގެ އަލާމާތްތައް ފެންނަތާ ހަތް ދުވަސްތެރޭގައި ކަމަށް އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލްގައިވެ އެވެ. އަދި އަލާމަތްތައް ފެންނަތާ ފަސް ދުވަސްފަހުން މި ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވި ނަމަވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ކަށަވަރުކުރަންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.