މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 500 ގޯތި ހިލޭ ދިނުމަށް މޭޔަރު ޑރ. މުއިއްޒު ގޮވާލެއްވި. އަދި ބިން ވިއްކަން ޖެހޭނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ފަހު ކަމަށް ވެސް މޭޔަރު ވިދާޅުވި.

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ނުދީ މުއްސަދިންނަށް އަމާޒުކޮށްގެން ބިން ވިއްކާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ގެދޮރުވެރިކަމާ ގުޅޭ ގޮތުން މާލޭގެ ރައްޔިތުންނާއެކު މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ މައްސަލަ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސިޓީ ކައުންސިލުން ކުރާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މާލޭ ސިޓީގެ ރައްޔިތުންނަށް ގެއްލިފައިވާ މި ހައްގު ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ކޮންމެ ކަމެއް، ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހާނަން. ކުރަން ޖެހުނު ކޮންމެ ކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގެ ޕްލޭނަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެ ބަދަލު ގެންނަން ޖެހޭނީ މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި ގޮތަށް ކަމަށެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހިން ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ކޮމާޝަލް ބޭނުންތަކަށް ބިން ދޫކުރުމަށްފަހު ވެސް އާންމު ރައްޔިތުންނަށް ގޯތި ދެވޭނެހާ ބިން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ބިން ވިއްކުމަށް އިއުލާނު ކޮށްފައިވާތީ އެކަމާ އިޝާރާތް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެޗްޑީސީގެ އެ ނިންމުނަކީ މާލޭގެ ރައްޔިތުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްފަހު ނޫނީ އެޗްޑީސީގެ ވިޔަފާރި ބޭނުމަށް ބިން ވިއްކައިގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިގޮތަށް ބަލާއިރު ހުޅުމާލޭގައި މަދުވެގެން 500 ގޯތި. އަޅުގަނޑު މި ދަންނަވަނީ 1،400 އަކަފޫޓްގެ 500 ގޯތި މާލޭގެ އާންމު ރައްޔިތުންނަށް ދެވޭ ވަރުގެ ޖާގަ އެބައޮތޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށްފަހު، އެކަން ފޫބެއްދުމަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބޮޑު އަގުގައި އިތުރު ގޯތި ވިއްކޭނެ ޖާގަ އެބައޮތް ކަމަށެވެ.