ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް ހިންގުންތެރި އަދި މަސައްކަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން، ބައްޕާފުޅަށް މިއަދު ތައުރީފް ކުރައްވައިފި އެވެ.

"ޗެނަލް 13" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޒެއިން ވިދާޅުވީ ޔާމީނަކީ އާއިލާ އަށް ވަރަށް ބޮޑަށް ލޯބި ދެއްވައިގެން އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި ދެ ބޭފުޅުން އަބަދުވެސް ބައްދަލުވެ ދައްކަވާ ބައެއް ވާހަކަތައް ޒެއިން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"ހެނދުނު އަޅުގަނޑު ސްކޫލްގައި އުޅޭތީއާ އެކުގައި. މެންދުރު ކާ ގަޑީގައި ބައްދަލުވެފައި އަނެއްކާ ވެސް މަސައްކަތައިގެން އުޅުއްވާނީ. ވަރަށް ސާދާ، ސީދާ، ސަމާސަ، މަޖާ ބޭފުޅެއް ބައްޕައަކީ،" ޔާމީންގެ އެންމެ ދޮށީ ދަރިކަލުން ޒެއިން ވިދާޅުވި އެވެ.

ޒެއިން ވިދާޅުވި ގޮތުގައި، ގޭތެރޭގައި މިހާރު އުޅޭ އިރު، އެންމެ ބޮޑަށް ހަނދާންވާ އެއް ކަމަކީ ބައްޕާފުޅުގެ މަތިންނެވެ. އަދި ޔާމީން އެންމެ ބޮޑަށް "މިސްވެގެން" އުޅުއްވާ އެއް ބޭފުޅަކީ ވެސް ހަގު ދަރިކަލުން ސާޖިދު ކަމަށް ޒެއިން ވިދާޅުވި އެވެ.

ޒެއިން ވިދާޅުވީ ޔާމީން މަސައްކަތްޕުޅުގައި އުޅުއްވާ އިރު، އެއްވެސް ވަރަކަށް ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ބައްޕާފުޅަކީ ވަރަށް ހިންގުންތެރި ކަމާ އެކީގައި މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށް ވެސް ޒެއިން ވިދާޅުވި އެވެ.

"އަބަދުވެސް ކުރައްވާ ވަސިއްޔަތެއް އެއީ ދަރިފުޅާ އޭ، ފައްޓާ ކަމެއްވެއްޖެ ނަމަ، ރަނގަޅަށް ނިންމައްޗޭ. އެއީ ދެން އަޅުގަނޑަށް މިވަގުތު ދެންނެވޭނެ އެއްޗަކީ،" ޒެއިން ވިދާޅުވި އެވެ.

ޔާމީންއާ ހަވާލާ ދެއްވައި ޒެއިން ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. ޔާމީނަކީ ވަރަށް އަޒުމް ވަރުގަދަ ބޭފުޅެއް ކަމަށް ޒެއިން ވިދާޅުވި އެވެ. ޔާމީން އަބަދުވެސް ކުރައްވާ ވަސިއްޔަތަކީ އިހްސާންތެރިވުމާއި އިހްލާސްތެރިވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރާ ކަމެއްގައި ސާބިތުކަމާ އެކީގައި ދެމިހުންނެވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ޒެއިން ވިދާޅުވި އެވެ.

"އެއް ފަރުދެއްގެ މަސްލަހަތަށް ވުރެ ދީނާއި ގައުމާ މުޖުތަމައުގެ މަސްލަހަތު ބޮޑު ކަން އެއީ އަބަދުވެސް ފާހަގަ ކުރައްވާ ކަމެއް،" ޒެއިން ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އަދި ހުކުމެއް ނީއްވަ އެވެ.