ސްޓާ ޕްލަސްގެ "ސާތު ނިބާނާ ސާތިޔާ" އަކީ އިންޑިއާގެ އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ އެއް ސިލްސިލާ އެވެ. ހަތް އަހަރު ވަންދެން މެދުކެނޑުމެއްނެތި ދެއްކުމަށްފަހު ސިލްސިލާ ނިންމާލީ 23 ޖުލައި 2017 ގަ އެވެ.

މުޅި ސިލްސިލާގައި ވެސް އެންމެ މަޝްހޫރުވީ އެއް ކެރެކްޓަރަކީ ވަރަށް ކިޔަމަންތެރި، އާއިލާއަށްޓަކައި ކޮންމެ ފަދަ ގުރުބާނީ އެއްވެސް ވާން ތައްޔާރަށް ހުރި ހިތްވަރުގަދަ އަންހެނެއްގެ ރޯލު ކުޅުނު "ގޯޕީ މޯދީ" ނުވަތަ "ގޯޕީ ބަހޫ" އެވެ.

ސީރީޒްގެ ފުރަތަމަ ކޮޅު ގޯޕީއަކީ ނުކިޔަވައި ހުރި އެއްޗެއް ނޭނގޭ މީހެއްގެ ގޮތުގައި ދެއްކި ނަމަވެސް ސިލްސިލާ ކުރިއަށް ދިޔަ ވަރަކަށް އެ ކެރެކްޓާ ކުރިއަރަމުން ދިޔަގޮތް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.

ދެ އަހަރަށްފަހު ފުރަތަމަ އެ ރޯލު ކުޅުނު ޖިއާ މާނިކް ސިލްސިލާ ދޫކޮށްލުމުން ދެން ގޯޕީގެ ރޯލު ކުޅޭނެ ބަތަލާއެއް ހޯދުންވީ ސީރީޒްގެ ޓީމަށް ވަރަށް ދަތި ކަމަކަށެވެ. އެގޮތުން ފަހުން އެ ރޯލު ކުޅުނު ޑެވޮލީނާ ބަޓަޗާޖީއަށް އެ ރޯލު ހުށަހެޅުމުގެ ކުރިން މަޝްހޫރު ބައެއް އެހެން ތަރިންނަށް ވެސް އެ ރޯލު ހުށަހެޅި އެވެ. ނަމަވެސް އެއިން އެއްވެސް ތަރިއަކު އެ ރޯލު ގަބޫލެއް ނުކުރި އެވެ.

"ގޯޕީ ބަހޫ"ގެ ރޯލު ހުށަހަޅައި، އެ ރޯލު ޤަބޫލުނުކޮށް ދޫކޮށްލި ބައެއް ބަތަލާއިންނަށް ބަލާލާނަމެވެ.

މާހީ ވިޖް

މާހީ ވިޖް

ގޯޕީގެ ރޯލު ހުށަހެޅި އެއް ބަތަލާއަކީ "ލާގީ ތުޖްސެ ލަގަން" އަދި "ބާލިކާ ވަދޫ" ފަދަ ސިލްސިލާތަކުގައި މޮޅު އެކްޓިންގއެއް ދެއްކި މާހީ ވިޖް އެވެ. ނަމަވެސް އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންތައްތަކުގައި މާ ބިޒީ ދުވަސްކޮޅަކަށް ވާތީ އޭނާ ވަނީ އެ ރޯލު ދޫކޮށްލާފަ އެވެ.

ރާގިނީ ކަންނާ

ރާގިނީ ކަންނާ

"ސަސުރާލް ގެންދާ ޕޫލް" ގައި ސުހާނާގެ ރޯލު ކުޅެގެން ބޮޑު މަޤުބޫލުކަމެއް ހޯދި ރާގިނީ ކަންނާ ވެސް ވަނީ ގޯފީގެ ރޯލު ގަބޫލުނުކޮށްފަ އެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައި ވަނީ އެ ދުވަސްވަރު އޭނާ ޓީވީގެ އެއްވެސް ހުށަހެޅުމެއް ގަބޫލުކުރަން ބޭނުން ނުވުމެވެ.

ރުބީނާ ދިލައިކް

ރުބީނާ ޑިލައިކް

އެހެން ޕްރޮޖެކްޓްތަކެއްގެ މަސައްކަތުގައި ބިޒީވުމުގެ ސަބަބުން ސަކްތީ ސީރީޒްގެ "ސޯމްޔާ" ގެ ރޯލުން މަގުބޫލްކަން ހޯދާފައިވާ ރުބީނާ ދިލައިކްވެސް ވަނީ ގޯޕީގެ ރޯލު ނުކުޅެ ދޫކޮށްލާފައެވެ. ރުބީނާ ވަރަށްފަހުންވަނީ ބިގް ބޮސް ސީޒަން13 އިންވެސް ފެނިގެން ގޮސްފަ އެވެ.

މިއިން އެއްވެސް ބަތަލާއަކު ގޯޕީގެ ރޯލު ގަބޫލު ނުކުރުމުން ދެން ހުށަހެޅީ ފަހުން ގޯޕީގެ ރޯލު ކުޅުނު ޑެވޮލީނާ ބަޓަޗާރްޖީއަށެވެ.

އޭނާ އެ ރޯލު ގަބޫލުކުރުންވީ އޭނާގެ ތަރި ރޮކެޓެއްހާ ހަލުވިކޮށް އަރައިގެން ދިޔަ ކަމަކަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީވީ ބަތަލާއިންގެ ތެރެއިން އެންމެ ނަން ހިނގާ އެއް ބަތަލާއަށް އޭނާ ވި އެވެ.

ސިލްސިލާ ނިންމާލި ފަހުން ވެސް މި ސިލްސިލާގެ އަޑު މަޑެއް ނުވި އެވެ. ސިލްސިލާއަށް ލިބުނު މަގަބޫލުކަމުގެ ސަބަބުން ދެވަނަ ސީޒަނެއް އުފެއްދުމަށް ޕްރޮޑިއުސަރުން ނިންމި އެވެ. އެގޮތުން ދެވަނަ ސީޒަން މިދިޔަ އަހަރުގެ އޮކްޓޯބަރު 19 އިން ފެށިގެން ސްޓާ ޕްލަސްއިން ދައްކަން ފެށި އެވެ.

ކުރީ ސީޒަންގެ ކާސްޓުންނާއި މުޅިން އާ ކާސްޓަކާއިއެކު ސިލްސިލާ ކުރިއަށް ދާއިރު ކުރީގެ ސީޒަންގެ ތަރިންވަނީ މި ސީޒަންގައި ފެނިގެންދާ ތަރިން ތައާރަފުކުރުމަށް ކުޑަ ދުވަސްކޮޅެއް ވަންދެން ފެނިގެންގޮސްފަ އެވެ. ދެވަނަ ސީޒަންގެ ލީޑް ރޯލު ކުޅެނީ ސްނޭހާ ޖެއިންއާއި ހަރްޝް ނަގަރް އަދި އަކަންކްޝާ ޖުނޭޖާ އެވެ.

ސްޓާ ބާރަތުން ވަރަށް ފަހުން ވަނީ އެންމެ ފުރަތަމަ ފެނިގެންދިޔަ ގޯޕީ ބަހޫ ޖިއާ މަނިކް އަދި އިތުރު ތަރިންނާ އެކު "ތެރަ މެރަ ސާތް ރަހެ"ގެ ނަމުގައި އާ ސީރީޒްއެއް ފަށައިފަ އެވެ.