ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުކުރުމަކީ ވިޔަފާރިތަކުގެ ދެކޮޅު ނުޖެހި، ބަނގުރޫޓުވުމަށް މެދުވެރިވާނެ ސަބަބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން ލާޒިމުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ތާއީދުކުރައްވަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން ގައުމަށް ތަނަވަސްކަން ހޯދައިދެވެނީ ވިޔަފާރިވެރިޔާއާއި މަސައްކަތްތެރިން ގުޅިގެން ކުރާ ބުރަ މަސައްކަތުން ކަމަށާއި، ވިޔަފާރިވެރިޔާ ހޯދާ މުއްސަނދިކަމަކީ އޭނާގެ އަމިއްލަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ވިޔަފާރިވެރިޔާގެ ތަނަވަސްކަމަކީ މުޅި ގައުމުގެ ރައްޔިތުންގެ ފުދުންތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވާއިރު، ވިޔަފާރިތައް ބަނގުރޫޓުވެއްޖެނަމަ އެތައް ބައެއްގެ ވަޒީފާ ގެއްލި، ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ހުރިހާ ވިޔަފާރިތަކަކަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ މި ސިޔާސަތަށް ފާޑުވިދާޅުވަމުން ނަޝީދު ވަނީ މި ސަރުކާރުން މިދަނީ ރާއްޖެ ބަނގުރޫޓުކުރަމުން ކަމަށް ތުހުމަތުކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި އާ އިސްލާހުގައިވާ ގޮތުން، ރިސޯޓުތަކަށް މަހަކު ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެ އެވެ. މީގެ އިތުރުން، ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކަށް ކޮންމެ ފަތުރުވެރިއެއްގެ އަތުން މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ 20 ޕަސެންޓް މާރުކުރަން ލާޒިމުކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތައް ފިޔަވައި އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ މަތިން ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ވެސް އާމްދަނީގެ 40 ޕަސެންޓް މާރުކުރުމަށް މި ގާނޫނުން ވަނީ ކަނޑައަޅާފަ އެވެ.
މަސްލަހަތު ގެއްލި "ބޮޑު ބަދަލު" ގުރޫޕުން ފައްޔާޒު ނުކުމެއްޖެ
ކަސްރަތު: ހިތާމައާއި ރުޅިވެރިކަމުން އަރައިގަންނަން މަގެއް؟
ވެނެޒުއޭލާގެ ތެލުގެ ބޮޑު ބައެއް އެމެރިކާއަށް ލިބޭ އެއްބަސްވުމެއް