ގަނާ ކުރުމަކީ އަނގަބަހުން ނުވަތަ ޖިސްމާނީ ގޮތުން އަނެކުންނާއި ފުރައްސާރަކުރުމެވެ. މިއީ މިހާރު ވަރަށް ބޮޑަށް އާއްމުވަމުން އަންނަ ކަމެކެވެ. ގަނާ ކުރުމުގެ ޝިކާރައަކަށް ދެޖިންސުގެ އެކި އުމުރުފުރާގެ މީހުން ވެފައިވީ ނަމަވެސް މިކަން އެންމެ ގިނައިން ފެންނަނީ ސްކޫލްތަކުގެ މާޙައުލުންނެވެ. ދަރިވަރުންގެ މެދުގައި މަޖަލަކަށް ނަމަވެސް ގަނާ ކުރުމުގެ އާދަ އިތުރުވަމުން ދާކަމީ ހިތާމަ ހުރި ކަމެކެވެ. އެއީ ގަނާ ކުރެވޭ ދަރިވަރުގެ އުޅުމާއި ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ނުރައްކާތެރި ކަމެކެވެ. އެހެންކަމުން ބެލެނިވެރިންނާއި މުދައްރިސުން ގަނާ ކުރުމުގެ ނިޝާންތަކާއި ނަތީޖާތަކަށް އަހުލުވެރިވެފައި ވުމަކީ މުޙިއްމު އެހާމެ ބޭނުންތެރި ކަމެކެވެ.
ގަނާ ކުރެވެމުން ދާކަން ދެނެގަންނާނީ ކިހިނެއް؟
ގަނާ ކުރުމަކީ ކުއްޖެއްގެ އުޅުމާއި ކިޔެވުމަށް ފާހަގަ ކުރެވޭ ވަރުގެ ބަދަލުތަކެއް ގެނުވާނެ ކަމެކެވެ. އެގޮތުން ކުރީކޮޅުގައި ގަނާ ކުރެވެމުން ދާކަން ދެނެގަނެ އެކަމަށް ޙައްލު ހޯދުމަކީ މިކަމުން ކުއްޖާއަށް ލިބޭ ދާއިމީ ގެއްލުންތައް ކުޑަ ކޮށްދޭނެ ކަމެކެވެ. ކުއްޖާގެ އުޅުމަށް ކުޑަނަމަވެސް ބަދަލެއް އަތުވެއްޖެނަމަ އެކަމަށް ސަމާލުކަން ދޭށެވެ. މީހުންނާއި ދުރުވެ އެކަހެރިވާން އެދޭނަމަ އެއީ ގަނާ ކުރެވެމުން ދާކަމުގެ ނިޝާނެކެވެ. ސްކޫލަށް ދާން ދެކޮޅު ހެދުމާއި ކިޔެވުން މަތިން ފޫހިވުމަކީ ވެސް އަޅާނުލާ ދޫކޮށްލަންވާ ވަރުގެ ކަންތަކެއް ނޫނެވެ. ހަމައެހެންމެ ކެއިންބުއިމާއި ދުރުވެ ބޮޑާ ހޭކުން ފަދަ ކަންކަމަކީ މުދައްރިސުންނާ މަޝްވަރާކޮށް ނުރަނގަޅު ކަމެއް ހިނގަމުންދާކަން އޮޅުން ފިލުވަންވީ ކަންތަކެވެ. މީގެ އިތުރުންވެސް ކުއްޖާ ސްކޫލުން އަންނަ އިރު ޔުނީފޯމް ހަޑިވެފައި ހުރުމާއި ހަށިގަނޑުގެ ތަންތަން ރަތްވެ ހަލާކުވެފައި ހުންނަ ނަމަ އެއީ ވަގުތުން ވަގުތަށް ކުއްޖާއާއި ސުވާލުކޮށް ސްކޫލުގެ އިދާރާތަކަށް އަންގަންޖެހޭނެ ކަންކަމެވެ.
ގަނާ ކުރެވެމުން ދާނަމަ ދެން ހަދާނީ ކިހިނެއް؟
ކުއްޖާއަށް ގަނާ ކުރެވެމުންދާ ކަމުގެ ނިޝާނެއް ފެނިއްޖެނަމަ ލޯތްބާއި އެކު ކުއްޖާއާއި ވާހަކަ ދައްކާށެވެ. އަޑު އިސްނުކުރާށެވެ. އެފަދަ ކަމެއް ކުރިމަތި ވަމުން ދާނަމަ މައިންބަފައިންގެ ފުރިހަމަ އެއްބާރުލުމާއި އެހީ ކުއްޖާއަށް ލިބޭނެކަން ޔަޤީން ކޮށްދޭށެވެ. އޭރުން ކުއްޖާގެ ހިތުގައި އިތުބާރު އުފެދި ދިމާވަމުންދާ ކަންތައްތައް ޙިއްޞާ ކުރާނެއެވެ. އެއަށްފަހު އެންމެ އިސްކަމެއް ދޭންވީ މުދައްރިސުންގެ ސަމާލުކަމަށް އެކަމެއް ގެންނާށެވެ. މުދައްރިސުން ކުށްވެރިކޮށް އިލްޒާމް އެޅުވުމުގެ ބަދަލުގައި މަޝްވަރާގެ އުޞޫލުގެ މަތިން ކަންތައް ކުރިއަށް ގެންދާށެވެ. ގަނާ ކުރާ ކުއްޖާގެ ބެލެނިވެރިޔާގެވެސް ހާޟިރުގައި ދެ ދަރިވަރުންނާއި ވާހަކަ ދައްކައި ވިސްނައިދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. ސްކޫލުގެ މެނޭޖްމަންޓަށް މައްސަލަ ހުށައަޅަން ވާނީ މިކަންކަމުންވެސް އެދެވޭ ޙައްލެއް ނުލިބިއްޖެ ނަމައެވެ. އެވަރުންވެސް ގަނާ ކުރުން ނުހުއްޓޭނަމަ ކުއްޖާގެ ސްކޫލް ބަދަލުކޮށް ރައްކާތެރި މާޙައުލަކަށް ގެންދާށެވެ.