ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި ހިޔާ މަޝްރޫއަކީ މިހާތަނަށް ހިންގި އެންމެ ބޭކާރު މަޝްރޫއު ކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދޭތީ އެކަމާ ގުޅިގެން މާފަންނަނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހުށައެޅުއްވި މައްސަލައަށް ވާހަކަ ދައްވަމުންނެވެ.

ޔޫނުސް ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހި ކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޑަށް ބާރުލާފައި އެބަ ވިދާޅުވޭ ހިޔާ ފްލެޓްތަކެއްގެ ވާހަކަ. އިއްޒަތްތެރި ރައީސް ހިޔާ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ހިންގި އެންމެ ބޭކާރު އެންމެ ހަރަދު ބޮޑު މަޝްރޫއު. އެ ވިދާޅުވާ މަޝްރޫއުގައި ހުރީ ހަމައެކަނި ހަތަރު ފާރު ނިމިފައި،" ހިޔާ މަޝްރޫއަކީ ބޭކާރު އަދި ކަމުނުދާ ތަނެއް ކަމަށް ސިފަކޮށްދެއްވަމުން ޔޫނުސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓް ދިން އިރު ދޮރެއް ދޮރުފަތެއް އަދި މުއްޓެއް ވެސް ޖަހާފައި ނެތް ކަމަށެވެ.

ޔޫނުސް ވިދާޅުވީ ފްލެޓްތަކުގެ އަގާ ބެހޭ ގޮތުން ވެސް ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ނިންމުމެއް ކުރިން ނިންމާފައިވާ ކަމަށާއި 5،500 ރުފިޔާއަށް ފްލެޓް ދިނުމަށް އެޗްޑީސީއަށް އެންގީ ވެސް އިންތިޚާބުން ބަލިވި ފަހުން ކަމަށެވެ.

މެމްބަރު ޔޫނުސް މިހެން ވިދާޅުވި ނަމަވެސް ހިޔާ މަޝްރޫއުގެ ދަށުން 7،000 ފެލްޓް ތަރައްގީކުރުމަކީ މާލޭގައި ވަރަށް ދަތި ހާލުގައި ތިބި ގިނަ ފަރާތްތަކަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެގޮތުން ފްލެޓް ހަވާލުކުރުމާއެކު އެހުރި ގޮތަށް ހުއްޓާ ގިނަ ބަޔަކު މިހާރު ވަނީ ދިރިއުޅެން ފަށައިފަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ނިންމާ އެތަން ހަވާލުކުރުމަށް މިސަރުކާރާ ހަވާލުކުރި ނަމަވެސް ތަން ހަވާލުކުރަން ފެށީ ދެ އަހަރާ ބައިވި ފަހުންނެވެ. އަދިވެސް އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ނުފެށޭތީ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.